(ބުދަ ދުވަހާ ގުޅޭ)
ލިބުނީ އުފާވެރި ޚަބަރެއް ނޫނެވެ. ފޯނު ބާއްވާފައި ވެސް އެތައް އިރަކު ނިޒާރު ވިސްނަން އިނެވެ. ފުލުހުން ދިން ޚަބަރު އަންޖަލްއަށް ކިޔައިދޭން ނިޒާރަކަށް އެހައި ފަސޭހައެއް ނުވިއެވެ. އަންޖަލް ދެރަވާނެ ވަރު އިހުސާސް ކުރެވޭތީ އެކަންޏެއް ނޫނެވެ. ތާމިރަށް އިތުބާރު ކޮށްފައި އިންޑިޔާއަށް އާދެވުނީތީއެވެ. ކާފަދަރިފުޅު އަންޖަލް އާއި މުނިކާފަދަރިފުޅު ހިމާޔަތް ކޮށްދިނުމުގެ ޒިންމާ ނިޒާރު އަމިއްލައަށް ބޮލުގައި އެޅީތީއެވެ. މުނިކާފަދަރިފުޅު ހިމާޔަތްކޮށް ނުކޮށްދެވުނީތީއެވެ.
އިންޑިޔާ ފުލުހުން ސާރާގެ ވޭދަނަ ތަހުގީގުކުރީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. ސަބަބަކީ ހޮސްޕިޓަލުގެ ނަން ކިލަނބުވެދާނެތީއެވެ. ހޮސްޕިޓަލުގެ ބޯޑު މެންބަރުންގެ ތެރޭގައި، ވެރިކަންކުރާ ޕާޓީގެ އެންމެ ނުފޫޒުގަދަ މީހާ ހިމެނެއެވެ. އޯޑަރު އައިސްފައި ވަނީ ސީދާ އޭނަގެ ފަރާތުންނެވެ. މުޅި އިންޑިޔާގެ ހުރިހައި ފުލުހުން ހޭލައިތިބެގެން ވިޔަސް، އިރުއަރަންވާ އިރަށް މައްސަލަ ކޮޅެއްގައި ޖައްސަން މަޖުބޫރެވެ. އެއީ އޯޑަރު އައިސްފައިވާ ގޮތެވެ.
ފުލުހުންނަށް ލިބުނު އެންމެ ވަރުގަދަ ހެއްކަކީ ހޮސްޕިޓަލުގެ ކެމެރާތަކުން ނެގިފައިވާ މަންޒަރުތަކެވެ. އެ މަންޒަރުތަކުން ފުރަތަމަ އެނގުނީ ތާމިރު އެރި އުޅަނދުގެ ކުލަ އާއި މަރުކާއެވެ. އެއީ މަރޫޓީ އެކްސް.އެލް 6 މަރުކާގެ، ގަދަނޫކުލައިގެ ކާރެކެވެ. އެގާރަ ލައްކައެއްހައި ރުޕީސްއަށް ލިބޭ އެ ކާރަކީ، އެ ހިސާބުގައި ނިސްބަތުން މަދު ވައްތަރެކެވެ. ނަސީބު ދިމާކުރި ގޮތުން އެ ކާރުގެ ލައިސަން ނަންބަރުގެ އަރާފައި ހުރީ އެއްބައެވެ. އެއްވެސް ކެމެރާއަކަށް ލައިސަން ނަންބަރު ރަނގަޅަށް އަރައިފައެއް ނެތެވެ. ކާރަށް މީހުން އެރި ވަގުތަކީ ކާރުބާރު ބޮޑު ވަގުތަކަށް ވީތީއެވެ.
މަރޫޓީގެ އެ މަރުކާގެ ކާރުގެ ލައިސަން ނަންބަރުތަކާ އަޅައިކިޔުމުން، ނަންބަރު އެންމެ ގާތްކުރީ ތިން ކާރެކެވެ. އެއް ކާރުގެ ކުލައަކީ ރަތެވެ. ގަދަނޫކުލައިގެ ދެ ކާރުގެ ތެރެއިން އެއް ކާރު އެކުސިޑެންޓެއްގައި ބަނޑިބަނޑިވެ، ހަލާކުވެއްޖެއެވެ. ބާކީ އޮތީ އެންމެ ކާރެކެވެ. ކާރުގެ ވެރިމީހާއަކީ ޝަންކަރު ނަމަކަށް ކިޔާ މީހެކެވެ. އޭނައަށް ދޫކޮށްފައިވާ ލައިސަން ނަންބަރާއި ކެމެރާއިން ފެނުނު ކާރުގެ ނަންބަރު ދިމާވިއެވެ. ޝަންކަރަށް ގުޅުމުން ފޯނެއް ނުނަގައެވެ. ނިޒާރު އަތުން ނަންބަރު ހޯދައިގެން ތާމިރުގެ ފޯނަށް ގުޅި އިރު އެ ފޯނު އޮތީ ނިއްވައިލައިފައެވެ.
ފުލުހުންގެ ތަހުގީގު ތިން ކަފިކޮށްލިއެވެ. އެއް ބަޔަކު ދިޔައީ ޝަންކަރުގެ ގެއަށް އޭނަ ހޯދާށެވެ. އަނެއް ބަޔަކު ބެލީ، ސާރާ ގެންދިޔަ ވަގުތު ޝަންކަރުގެ ފޯނަށް ގުޅާފައި ހުރި ނަންބަރުތަކެވެ. ތިންވަނަ ގުރޫޕު ހަވާލުވީ ޝަންކަރު ދުއްވި ވައްތަރުގެ ކާރަކާއި، ޝަންކަރުގެ ކާރުގެ ލައިސަން ނަންބަރު ޓީވީ ޗެނަލްތަކަށް ފޮނުވުމާއެވެ.
ޝަންކަރުގެ ފޯނަށް ތާމިރު އެތައް ކޯލެއް ކޮށްފައިވެއެވެ. ވަކީން ހާއްސަކޮށް، ސާރާ ގެއްލުނު ވަގުތު ވަރަށް ދިގު ކޯލުތައް ތާމިރު ކޮށްފައިވާކަން ސާބިތުވިއެވެ. އޭރު ޝަންކަރު އޮތީ ހޮސްޕިޓަލާ ކައިރި ހިސާބެއްގައެވެ. ތާމިރުގެ އިންތިޒާރުގައެވެ. ތަހުގީގުގެ މިސްރާބު ރަނގަޅުކަން ޔަގީންވުމުން ދުވެލި ދެވަނަ ގިޔަރަށް ބަދަލުކޮށްލިއެވެ. ތާމިރު ނުވަތަ ޝަންކަރު އަތުލައިގަނެވޭ ވަރުގެ މައުލޫމާތެއް ދިން މީހަކަށް އެއް ލައްކަ ރުޕީސްގެ އިނާމެއް އިއުލާންކޮށް، ތިރީހަކަށް ފޯނު އެ ކަމަށް ހާއްސަކުރިއެވެ. ފޯނުތައް އަންނަން ފެށީ ޖުންޖުލާގައި ވާރޭ އޮހިގަންނަ ހެންނެވެ.
ގިނަ ފޯނުތައް ބޭކާރެވެ. ބޭނުންހިފޭ ކަހަލަ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. ބޭނުންވި ފޯނުކޯލު އައީ، ހުއްޓުމެއް ނެތި ފޯނުތައް ރަނގަބީލުވާތާ އެތަކެއް ގަޑިއެއްގެއިރު ފަހުންނެވެ. އެ މީހާ ބުނި ގޮތުގައި، ފަޅު މަގެއްގައި ގަހެއްގައި ޖެހި، ކުރީކޮޅު މެޅިފައިވާ ކާރެއް އެބަ އަނދައެވެ. އެއީ ފުލުހުން އިއުލާނު ކޮށްފައިވާ މަރުކާގެ، ގަދަނޫކުލައިގެ ކާރެކެވެ. އެ މީހާ ހުރީ ކާރު ފެންނަ ހިސާބުގައެވެ.
ފުލުހުންގެ ފައުޖެއް އެ ދިމާއަށް ނައްޓައިލިއެވެ. މަގުގެ ހަލަބޮލިކަން އިތުރުކުރަމުން އަލިފާން ނިވާ ލޯރިއަކާއި ދެ އެންބިއުލަންސާއި ފުލުސްކާރަކާއި ޖިޕެއް ދިޔަ އިރު، މުޅި ކާރުގައި އޮތީ ހުޅުހިފައިފައެވެ. ހުޅުގަނޑު ހުރީ ނޫކުލައިގައެވެ. ކާރުގެ ދޮރުތައް ހުރީ ލައްޕައިފައެވެ. ރައްކާތެރި ބިއްލޫރިތައް ހުރީ ރެނދުއަޅައި ކުރެހިފައެވެ. ފުނޑުފުނޑުވެގެނެއް ނުއެއްފައިބައެވެ. ކާރުގެ އެތެރެއެއް ނުފެނެއެވެ.
ފުލުހުންނަށް ފުރަތަމަ ހީކުރެވުނީ ވަރަށް އަވަހަށް އަލިފާން ނިއްވައިލެވޭނެ ކަމަށެވެ. އަލިފާން ނިވާ މީހުން ދެ ހޮޅިން ފެންޖެހިއެވެ. ދުރުގައި ކުޅިބަލަން ތިބި އެންމެނަށް ފެނުނީ ހައިރާންކުރަނިވި މަންޒަރެކެވެ. އެތައް އިރަކު ފެންޖެހުމުން ވެސް އަލިފާންގަނޑުގެ ބޮޑުމިނަކަށް ބަދަލެއް ނައެވެ. ނިވެން ހިތަށް ވެސް ނޭރިއެވެ. ޖެހި ފެންތަކުން ބިއްލޫރިތައް ފުނޑުފުނޑުވެ، ކާރުގެ އެތެރެ ފެންބޮޑުވެގެން ބޭރަށް ފެންތައް ފޭބި އިރު ވެސް ހުޅުގަނޑު މަޑެއް ނުވިއެވެ. ފެން ހުސްވެދާނެ ކަމުގެ ބިރު ހީވުމުން ފޯމުޖަހާ ކަހަލަ ލޯރިއެއް ގެނުވިއެވެ.
އަލިފާންގަނޑު މައިތިރިވާން ފެށީ، އެ ލޯރިން ފޯމުޖަހަން ފެށުމުންނެވެ. ފޯމަކީ އަލިފާން ހިފާ ޒާތުގެ ދިޔާ ތަކެތި ނުވަތަ ކުލާސް ބީ އާއި އެ ޒާތުގެ ހިކި ތަކެތި ނުވަތަ ކުލާސް އޭއާ ހަނގުރާމަކުރާ ހާއްސަ މާއްދާއެކެވެ. ބޭނުމަކީ އަލިފާނުގެ ކާނާ ކަމުގައިވާ އޮކްސިޖަން ނައްތާލައި، އަލިފާން ހިފި އެތި ފިނިކޮށްލުމާއި އަލުން ހުޅު ހިފުމަށް ހުރަސް އެޅުމެވެ. އަލިފާންގަނޑު ނިވުނު އިރު ކާރު އޮތީ ފޯމު ގުޅައަކަށް ވެފައެވެ. އެހެން އެއްޗެއް ނުފެނެއެވެ.
"ކޯޗެއް އަޅާފަ ހުރި ކާރެއް؟" އަލިފާންލޮރީގެ އެކަކު ބުންޏެވެ. "މި ކަމުގަ އުޅޭތާ ވިހި އަހަރު ވަނީ. މި ވަރު ކަމަކާ ދިމައެއް ނުވޭ! މި ކަހަލަ ހާމަ ތަނެއްގަ ޕެޓުރޯލުގަ ރޯވީމަ ހުޅުގަނޑު ހުންނަން ޖެހޭނީ ރީނދުލާ އޮރެންޖުކުލައިގަ. ގޭހުގަ ރޯވީމަ ނޫކުލަ އަރާނީ. ބަލާބަލަ ކޯޗެއް ކާރުގަ ހުރެގެންތޯ އެ ވަރަށް އެ އެނދީ."
އެހެން ބުނި ތަނައި ފޯމުގުޅަ ގޮވިއެވެ. މީހުންތައް ވިއްސައިގެންދާ ކަހަލަ ވަރުގަދަ ގޮވުމަކުންނެއް ނޫނެވެ. އެއީ އޮލަ ކިސަޑުގަނޑެއްގެ އަޑީގައި އެއްޗެއް ގޮވުމުން ގޮވާ ކަހަލަ، ބަރުހެލި ގޮވުމެކެވެ. ފުލުހުން ކާރު ކައިރިއަށް ގޮސް ދޮރުތައް ހުޅުވަން މަސައްކަތްކުރިއެވެ. އެންމެ ދޮރެއް ވެސް ނުހުޅުވުނެވެ. ކާރު ތެރެއިން ފެންނަން ހުރީ ފޯމާއި ކާރުގެ ދަގަނޑުން ހުރި ބައިތަކެވެ.
ފޯމުތައް ސާފުކުރުމުން، އިންސާނުންގެ ކަށި ކަހަލަ ކަށިތަކެއް ފެނުނެވެ. ކަށިތައް ހުރީ ކުނޑިކުޑިވެފައެވެ. ކިތައް މީހުންގެ ކަށި ކަމެއް ވެސް، ބަލާބެލުމަކަށް ނޭނގެއެވެ. ކާރު ގަހުގައި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހުރިހައި ދޮރެއް ތާށިވީ ކީއްވެގެން ހެއްޔެވެ؟ އެނދީ ކޮން ބައެއް ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޓަކައި ދެވަނަ ތަހުގީގެއް ފެށުނެވެ.
އަންޖަލްއަކީ ބަސްމަދު ކުއްޖެކެވެ. އެ ސިފައަށް ބަދަލުއަންނަން އުޅޭ ހެން ހީވެފައި، އަނެއްކާ ވެސް އިއާދަވީއެވެ. އަންޖަލް އެކަންޏެއް ނޫނެވެ. މުޅި އާއިލާއަށް ހަމަހިމޭންކަން ވެރިވިއެވެ. އަންޖަލްގެ ނަޒަރުގައި، ރާއިފު ދެކެ ލޯބިނުވެވުނު ނަމަ ސާރާ ދުނިޔޭގައި ހުރީހެވެ. ޝާފިޔާ ދުށް ގޮތުގައި، ތާމިރުގެ ދައްތަޔާ ސާރާ ހަވާލުނުކުރި ނަމަ، ސާރާ ދުނިޔޭގައި ހުރީހެވެ. ނިޒާރު ދެކެނީ، ކުދިން ގޮވައިގެން އިންޑިޔާއަށް ނާދެވުނު ނަމަ ސާރާ ދިރިހުރީސް ކަމުގައެވެ. ދިމްނާގެ ހިތުގައި ވެސް ޝަކުވާއެއް އޮތެވެ. ޝާފިޔާ އަތުން ތާމިރުގެ ދައްތަ ސާރާ އަތުލި ވަގުތު، އެ ދެމެދަށް ޝާފިޔާއަށް ވަދެވުނު ނަމަ، ނަތީޖާ ބަދަލުކުރެވުނީހެވެ.
ގެސްޓު ހައުސް ދޫކޮށްލާފައި އާދައިގެ ހޮޓަލަކަށް ބަދަލުވާން ނިޒާރު ބޭނުމެވެ. ކުދިން ވެސް ބޭނުމެވެ. އެ ކަމުގައި އުޅެނިކޮށް، އިންޑިޔާއިން ފުރަން ހުއްދަލިބުނެވެ. އެއީ ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރު މެދުވެރިވެގެން ނިންމި ގޮތެކެވެ. ތަހުގީގަށް ހުރަހެއް އެޅުނަ ނުދޭން ދިވެހި ސަރުކާރުން ޖާމިނުވީއެވެ. ނިޒާރު ބޭނުންވީ، ފުރެންދެން ވެސް ގެސްޓު ހައުސްއިން ނުކުންނާށެވެ. ސަރުކާރުގެ އެހީގައި ނިޒާރުގެ އާއިލާ ބަދަލުކުރީ ދެ ކޮޓަރީގެ އެޕާޓުމަންޓަކަށެވެ.
ފުރަން އޮތް ދުވަހުގެ ކުރީ ރެއެވެ. ކަންފަތަށް ތޫލި އަޑެއް އަރައިގެން އަންޖަލްއަށް ހޭލެވުނެވެ. އަންޖަލް ހޭލި އިރު އެހެން އެންމެން ތިބީ ނިދައިފައެވެ. ތިން އެނދު ހުރި އެ ކޮޓަރީގައި، އަންޖަލްގެ ކާފަ ވެސް އޮތެވެ. ކުދިން ދޫކޮށްލާފައި އެހެން ކޮޓަރިއަކަށް ދާން ނިޒާރު ބޭނުން ނުވީއެވެ. ހާއްސަކޮށް އަންޖަލް ބަލަހައްޓަން ނިޒާރު ސަމާލުކަން ދިނެވެ. ލިބުނު ފުން ހިތާމައިގައި އަންޖަލް މޮޔަކަމެއް ކޮށްފާނެ ހެން ނިޒާރުއަށް ހީވީއެވެ.
އެންމެން ނިދުމުން އިރުކޮޅަކު ހޭލައި އިނދެފައި ކޮޓަރީގެ ތަޅުދަނޑި ނިޒާރުގެ ބޯލާކޮޅު ބާލީސް ދަށަށް ލިއެވެ. ނިޒާރު އޮށޯތީ، ކޮޓަރިން ނުކުންނަ ދޮރު ހުރަސްވާ ގޮތަށް ގޮދަޑި ބާއްވައިގެންނެވެ. ދޮރު ހުޅުވެނީ އެތެރެއަށް ކަމުން ނިޒާރުއަށް ނޭނގި އެކަކަށް ވެސް ކޮޓަރިއަކުން ނުނިކުމެވޭނެއެވެ. އަންޖަލްއަށް ހޭލެވުނު އިރު ނިޒާރު އޮތީ ނިދައިފައެވެ. ކޮޓަރީގެ ބޮކި ހުރީ ދިއްލައިފައެވެ. ކަންފަތަށް އަރާފައިވާ އަޑު ކަނޑުވާނެ ގޮތަކާ މެދު ވިސްނަން އިންދައި، އެ އަޑުގެ ތެރެއިން އަޑެއް އިވޭކަން އަންޖަލްއަށް ފާހަގަކުރެވުނެވެ. އެ ކަން އެނގެނީ ވަރަށް ބޮޑަށް ވިސްނީމައެވެ.
"ބޭރަށް ނުކުމޭ!" ގޮވާ ހެން ހީވަނީ އެހެންނެވެ. "ތެދުވޭ!"
"ކާކު ތީ؟" އަންޖަލް އެހެން ނުބުންޏަސް އަންޖަލްގެ އަޑު އަންޖަލްއަށް އިވުނެވެ.
އިވެނީ އަންހެން އަޑެއް ކަމެއް، ފިރިހެން އަޑެއްކަމެއް ވަތްކެއް ނުވެއެވެ. ހީއެއް ހެން ވެސް ބައެއް ފަހަރު ހީވެއެވެ. ކުއްލިއަކަށް ދޮރު ހުޅުވުނެވެ. ހުޅުވުނީ ބޭރަށެވެ. އަލިގަދަކަމުން ބޭރު އޮތީ ހުދުވެފައެވެ. ތަނެއް ދޮރެއް ވަކިވާ ވަރެއް ނުވެއެވެ. އަންޖަލް އެނދުން ފޭބިއެވެ. އަމިއްލަ ބާރަކާ ނުލައެވެ. ތެދުވެގެން ގޮސް ނިޒާރު ހުރަސްކޮށްފައި ބޭރަށް ފިޔަވަޅު އެޅިއެވެ. އަންޖަލްއަށް ހުއްޓެވުނެވެ. ކޮޓަރި ތެރެއަށް ވުރެ ބޭރު ފިންޏެވެ. އާދަޔާހިލާފު މީރުވަހެއް އިހުސާސް ކުރެވުނެވެ. އިވެން ޖެހޭނީ އިންޖީނު އުޅަނދުފަހަރުގެ އިންޖީނުގެ އަޑާއި ބަރުގޮނުގެ އަޑެވެ. އިވުނީ ހަމަހިމޭން، ހާމަ ތަނަކަށް ނުކުތުމުން އިވޭނެ ކަހަލަ އަޑުތަކެކެވެ. ވައިޖެހޭ އަޑެވެ. ފަތްތަކުގައި ވައި އެޅުމުން އިވޭ އަޑާއި ފެންއޮހޭ އަޑެވެ. ތުއްތުކުއްޖެއްގެ ހުނުމުގެ އަޑާއި ދޫނިތަކެއް އުދުހިގަތުމުން ފިޔަގަނޑުން އިވޭ ކަހަލަ އަޑުތަކެކެވެ. ދޫނި ގޮވާ އަޑެވެ. އާންމުކޮށް އިވޭ ގުރާ ގޮވާ އަޑާއި ކޮވެލި ގޮވާ އަޑު ކަހަލަ އަޑުތަކެއް ނޫނެވެ. އެ ފަދަ ދޫނި ގޮވަނީ އެންމެ ތަނެއްގައެވެ.
އަންޖަލް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ތަޅުންގަނޑުގެ ހަރުކަން ފިލައި، ބޯ ވިނަގަނޑެއްގައި ހުންނަ ކަހަލަ މަޑުކަމެއް އިހުސާސް ކުރެވުނެވެ. ދުންތަކެއް ތެރެއިން ނުކުމެވޭ ހެން، ހިތްގައިމު ބަގީޗާއަކަށް ނުކުމެވުނެވެ. އެއީ އަންޖަލް ދަންނަ ތަނެކެވެ. ހަސްބަރާޒާއެވެ. (ނުނިމޭ)