ޗެކް ބައުންސްވި މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވްގެ ކަފާލާތުގެ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ދިއްލީ ހައި ކޯޓުން އިއްޔެ ފަސްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމަށް ފަހު ރާޖްޕަލްގެ ވަކީލުން ވަނީ މީޑިއާއާ ވާހަކަދައްކައިފަ އެވެ.
އޭނާގެ ވަކީލުން ބުނީ ރާޖްޕަލްއަށް ބޮލީވުޑްގެ ގިނަ ފަންނާނުންގެ އެހީތެރިކަން އަންނަނީ ލިބެމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ސަލްމާން ޚާން، އަޖޭ ދޭވްގަން، އަދި ސޯނޫ ސޫދު ފަދަ ތަރިން ހިމެނެ އެވެ.
އެ ތަރިން އެހީގެ ގޮތުގައި ދިން ފައިސާގެ އަދަދު ހާމަނުކޮށް ވަކީލުން ބުނީ ފިލްމީ ދާއިރާގެ ގިނަ ބަޔަކު ރާޖްޕަލްއަށް އެހީވަމުން އަންނަ ކަމަށެވެ.
ކޯޓަށް ހުށަހެޅި 50 ލައްކަ ރުޕީސްގެ ޗެކެއް ވެސް އިއްޔެގެ އަޑުއެހުމަށް ގެންދިޔަ ކަމަށް ރާޖްޕަލްގެ ވަކީލުން ބުންޏެވެ.
މި މައްސަލައިގައި ދެ ފަރާތުގެ ވަކީލުންގެ މެދުގައި ވެސް ވަނީ ބޮޑު ކޯޅުމެއް ހިނގައިފަ އެވެ.
ރާޖްޕަލްގެ ވަކީލުން ބުނާ ގޮތުގައި، ފައިސާ ދިން ފަރާތުން (މުރާލީ ޕްރޮޖެކްޓްސް) ކުރިން ފަސް ކްރޯޑް ރުޕީސް ބަލައިގަންނަން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ރާޖްޕަލް ޖަލަށް ދާންޖެހުނީ ކުރި އިގުރާރަކާ ހިލާފުވެގެން ކަމަށް ވާތީ، މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާގެ ވަކީލުން ބުންޏެވެ.
ނަމަވެސް ދައުވާކުރާ ފަރާތުގެ ވަކީލުން ބުނީ ރާޖްޕަލް ޖުމްލަ ހަތް ޗެކެއް ދީފައި ކަމަށާއި އޭގެ ތެރެއިން ކޮންމެ ޗެކެއްގެ އަގަކީ 1.5 ކްރޯޑް ރުޕީސް ކަމަށެވެ. އަދި ރާޖްޕަލް މިހާރު ކަފާލާތަށް އެދެނީ އޭނާގެ އަންހެނުންގެ ކޮއްކޮގެ ދަރިއެއްގެ ކައިވެނީގައި ބައިވެރިވުމަށް ކަމަށް ވެސް ދައުވާކުރާ ފަރާތުގެ ވަކީލުން ބުންޏެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިއްޔެގެ އަޑުއެހުމުގައި ކޯޓުގެ ފަނޑިޔާރު ވަނީ ރާޖްޕަލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކޯޓުން ބުނެފައި ވަނީ ރާޖްޕަލް ޖަލަށް ދާންޖެހުނީ ކޯޓުގެ އަމުރަކަށް ވުރެ ބޮޑަށް، އޭނާ އަމިއްލައަށް ފައިސާ ދައްކާނެ ކަމަށް ވީ ވައުދުތަކާ ތަކުރާރުކޮށް ހިލާފުވުމުން ކަމަށެވެ.
ރާޖްޕާލް އާއި އޭނާގެ އަންހެނުން ދޫކުރި ގިނަ އަދަދެއްގެ ޗެކްތަކެއް ބައުންސްވުމާއި ދަރަނި އަދާނުކުރާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅި މުރަލީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ދިއްލީގެ މެޖިސްޓްރޭޓް ކޯޓަކުން ވެސް ވަނީ މި މައްސަލައިގައި ރާޖްޕާލް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވް ކުށްވެރިވާ ކަމަށް ކަނޑައަޅާ ހަ މަހަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފަ އެވެ. ނަމަވެސް، ރާދާގެ ބަލި ހާލަތަށް ބަލައި އޭނާ ޖަލަށް ނުލުމަށް ކޯޓުން އޭރު ނިންމި އެވެ. އަދި 2019 ވަނަ އަހަރު ސެޝަންސް ކޯޓުން މި ހުކުމް ދަމަހައްޓާފައިވާއިރު، ފަހުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ އެވެ.
ހައި ކޯޓުން މިދިޔަ ޖޫން މަހު ވަނީ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކޮށް، ދެ ފަރާތުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ފުރުސަތެއް ދީފަ އެވެ. ނަމަވެސް، ފައިސާ ދައްކާނެ ކަމަށް ރާޖްޕާލް ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ، މި މަހު ކުރީކޮޅު އޭނާ ވަނީ ޖަލަށް ލައިފަ އެވެ.