ޗެކް ބައުންސްވި މައްސަލައެއްގައި ދިއްލީ ހައި ކޯޓުން އިތުރު ލުޔެއް ދިނުމަށް އިންކާރު ކުރުމާ ގުޅިގެން، އިންޑިއާގެ އެކްޓަރު ރާޖްޕާލް ޔާދަވް ޖަލުގައި އިއްޔެ ބަންދުކޮށްފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އެ މައްސަލައިގައި އޭނާ ޖަލުގައި ބަންދުކުރުމަށް ހާޒިރުވުމަށް ކަނޑައަޅާފައިވާ ސުންގަޑި އިތުރުކޮށްދިނުމަށް އެދުނު ނަމަވެސް ކޯޓުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެހެންވެ، އޭނާ އަމިއްލައަށް އިއްޔެ ހަވީރު ޖަލަށް ހާޒިރުވުމާ އެކު ވަނީ ބަންދުކޮށްފަ އެވެ. 

މިދިޔަ ބުދަ ދުވަހު އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ، ވަކި ދާއިރާއަކަށް ނިސްބަތްވާ މީހަކަށް ވީތީ ކޯޓުން ހާއްސަ ލުއިތަކެއް ނުދޭނެ ކަމަށެވެ. އަދި ތަކުރާރުކޮށް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި، ލުއި ދެވެން ނޯންނާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. 

ރާޖްޕާލްގެ ވަކީލު ކޯޓުގައި ބުނީ މައްސަލަ ހުށަހެޅި ފަރާތަށް ދައްކަން އޭނާ 50 ލައްކަ ރުޕީސް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެ ފައިސާ ދެއްކުމަށް އިތުރު ހަފުތާއެއް ބޭނުންވާ ކަމަށެވެ. ނަމަވެސް، ކޯޓުން އެ އެދުމަށް އިޖާބައެއް ނުދިނެވެ.

ރާޖްޕާލް އާއި އޭނާގެ އަންހެނުން ދޫކުރި ގިނަ އަދަދެއްގެ ޗެކްތަކެއް ބައުންސްވުމާއި ދަރަނި އަދާނުކުރާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅި މުރަލީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ދިއްލީގެ މެޖިސްޓްރޭޓް ކޯޓަކުން ވެސް ވަނީ މި މައްސަލައިގައި ރާޖްޕާލް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވް ކުށްވެރިވާ ކަމަށް ކަނޑައަޅާ ހަ މަހަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފަ އެވެ. ނަމަވެސް، ރާދާގެ ބަލި ހާލަތަށް ބަލައި އޭނާ ޖަލަށް ނުލުމަށް ކޯޓުން އޭރު ނިންމި އެވެ. އަދި 2019 ވަނަ އަހަރު ސެޝަންސް ކޯޓުން މި ހުކުމް ދަމަހައްޓާފައިވާއިރު، ފަހުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ އެވެ. 

ހައި ކޯޓުން މިދިޔަ ޖޫން މަހު ވަނީ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކޮށް، ދެ ފަރާތުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ފުރުސަތެއް ދީފަ އެވެ. ނަމަވެސް، ފައިސާ ދައްކާނެ ކަމަށް ރާޖްޕާލް ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ، ކޯޓުން މިހާރު ވަނީ އޭނާ ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.