ބޮޑެތި މައްސަލަތަކަކަށް ފަހު، ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ މިއުޒިކް ކެރިއަރު އަލުން ފަށައި، އަމިއްލަ ދިރިއުޅުން އަމާން މަންޒިލަކަށް މިސްރާބު ޖަހައިފައިވާ ކަމުގެ ނިޝާންތަކެއް މިހާރު އަންނަނީ ފެންނަމުންނެވެ.
ފުރަތަމަ ކަމަކަށް އޭނާ ވަނީ މިދިޔަ އަހަރު "ގްލޮރީ" ގެ ނަމުގައި އާ އަލްބަމެއް ވެސް ނެރެފަ އެވެ. ހަމައެއާ އެކު ދެ ދަރިންނާ އެކު ހަމަޖެހޭ ދިރިއުޅުމެއްގެ ތެރޭގައި ހުރި ބްރިޓްނީގެ ހަޔާތަށް މިހާރު ވަނީ ވަރަށް ހާއްސަ މީހަކު ވެސް އައިސްފަ އެވެ.
އެއީ "ގްލޮރީ" ލަވަ "ސްލަމްބަ ޕާޓީ" ގެ ވީޑިއޯ ލަވައިން ބްރިޓްނީއާ އެކު ފެނިގެން ދިޔަ މޮޑެލް ސޭމް އަސްގަރީ އެވެ. އޭނާއަކީ ބްރިޓްނީގެ ޕާސަނަލް ފިޓްނެސް ޓްރެއިނަރު ވެސްމެ އެވެ.
އެހެން ނަމަވެސް ދެ މީހުންގެ ގުޅުން މިހާރު އެއަށް ވުރެ މާ ގާތެވެ. ބްރިޓްނީގެ އިސްޓަގްރާމް ހާވައިލުމުން ވެސް އެކަން އެނގޭނެ އެވެ. އާ އަހަރު ފާހަގަ ކުރީ ސޭމް އާ އެކުގަ އެވެ. އެކަމަކު މިއިން އެކަކު ވެސް މި ގުޅުން ވަކި ގޮތަކަށް މާނަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ގާތުން ބަލާ މީހުން ސިފަ ކުރާ ގޮތުގައި ސޭމް އާއި ބްރިޓްނީއަކީ މިހާރު ދެ ލޯބިވެރިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ބްރިޓްނީ އާއި ސޭމް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައްޓެހިވެފަ އެވެ.
ދެ މީހުން އެކިއެކި ޕާޓީތަކުންނާއި ރެސްޓޯރަންޓްތަކުން އެކުގައި މާ ގިނައިން ފެންނާތީ، މިއީ އާދައިގެ ގުޅުމެއް ނޫންކަން އެނގެ އެވެ.
މީގެ ކުރިން ދެ ކައިވެންޏެއްކޮށް، އެ ކައިވެނިތައް ރޫޅިފައިވާ ބްރިޓްނީ، 35، ވަނީ ސޭމްއާ ގުޅުން އުފެދުމުގެ ކުރިން ކުރިން 2015 ގައި ޕްރޮޑިއުސަރު ޗާލީ އެބާސަލް އާ އެކު ވެސް އުޅެފަ އެވެ.
ބްރިޓްނީގެ ދެ ކުދިންގެ ބައްޕަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ކެވިން ފެޑެލިން އެވެ. އެ ދެ މީހުން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.