ހުޅުމާލެ 1 ގައި ހުންނަ ގެއެއްގެ ތެރޭ މިއަދު ހެނދުނު އަޑުގަދަކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގޮސް، މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:05 ހާއިރު، އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ލިބިގެން ގޮސް ބެލި އިރު ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ފެނުނު ކަމަށާއި އެތަނުގައި ހަތަރު ދިވެއްސަކު ތިބި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އުމުރުން 34 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގެން، ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ވަނީ ސީންގައި ފުލުހުން ހަރަކާތްތެރިވާ ފޮޓޯ އާއި ވީޑިއޯތަކެއް ވެސް އާންމުވެފައި އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ތިބި މީހުންގެ މެދުގައި ކޮންމެވެސް ހަމަނުޖެހުން ހިނގަ އެވެ. އަދި އަންހެނަކާއި ފިރިހެނަކު ގައިގޯޅިކޮށް އުޅޭތީ ވެސް ފެނެ އެވެ.