މަޖުބޫރީ ހާލަތުގައި ގައިދުރުކޮށް ތިބެ ނަމާދުކުރުމަކީ ސުންނަތާ ހިލާފު ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަނީ ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފަ އެވެ. ނަމަވެސް އެ ނިންމުމާ މެދު ބައެއް އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުން އެބަހުއްޓެވެ.

ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުމަކީ ކީރިތި ރަސޫލާގެ ސުންނަތް މުގުރާލުމެވެ.

އެކަމަކު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރުކަން ވެސް ކުރައްވާ ޑރ. ޒަކަރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބިމުގައި މާތްﷲ ލައްވާފައިވާ ތަބީއީ ގާނޫނާ މާތްﷲގެ ވަހީ ބަސްފުޅާއި ރަސޫލާގެ ސުންނަތާ އެއްވެސް ފުށުއެރުމެއް ނުވާ ނަމަ، މަޖުބޫރީ ހާލަތުގައި ގައިދުރުކޮށް ތިބެ ނަމާދުގައި ސަފުތައް ހެދުމަކީ ސުންނަތާ ހިލާފު ކަމެއް ނޫން ކަމަށެވެ.

ބަލިން ދިފާއުވުމަށް ގައިދުރުކަން ބަހައްޓައި، އަތްދޮވެ މާސްކު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ.

ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން ސަރުކާރުން އެންގިޔަސް، ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ މާލޭގެ ބައެއް މަސްކިތްތަކުގައި ނަމާދުކުރަނީ ގައިދުރުކަމެއް ނެތި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން ނިންމީ ސިއްހީ މަސައްކަތްތެރިންނާއި ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފައަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެއީ، މިސްކިތްތައް ބަންދުނުކޮށް، މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން މިނިސްޓްރީން ވަނީ އިމާމުންނަށް އަންގައިފަ އެވެ. އޭގެ އިތުރުން، ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމަށް ވެސް އަންގާފައި ވެ އެވެ.