ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އަކީ، ޠާއޫން ފަދަ ނުރައްކާތެރި ވަބާއެއް ކަމަށާއި އެހެންވެ، އެ ބަލީގައި މަރުވާ މީހުންނަށް ވެސް ޝަހީދުންގެ ދަރަޖަ ލިބޭނެ ކަމަށް ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް އިން ޖައްސާ ކޮވިޑް-19 ގައި މަރުވާ މީހުން ހިނަވަނީ ވަރަށް އެކަހެރި ގޮތަކަށެވެ. އަދި މައްޔިތާގެ މޫނު ދެއްކުން ނޯންނައިރު ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބެނީ ވަރަށް މަދު މީހަކަށެވެ.
"ލިޔުންތެރިންގެ ގުޅުން" ވެބްސައިޓުގައި ޑރ. ޒަކަރިއްޔާ ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ޝަހީދުން ދެ ވައްތަރަކަށް ބެހިފައިވާއިރު، އެއް ވައްތަރަކީ ﷲގެ ރުއްސެވުން ހޯދުމަށް އެދި، ދީނާއި ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމައެއްގައި ދުޝްމަނުންގެ އަތުން މަރުވާ މުސްލިމް މުޖާހިދުން ކަމަށެވެ. ދެ ވަނަ ވައްތަރަކީ އޭނާ ވިދާޅުވި ގޮތުގައި ނުރައްކާތެރި ބައްޔެއްގައި މަރުވާ މުސްލިމުންނެވެ. އެ ފަދަ މީހުންނަކީ އާޚިރަތުގެ ޝަހީދުން ކަމަށް ވިދާޅުވި އެވެ.
ޑރ. ޒަކަރިއްޔާ އެހެން ވިދާޅުވީ "ޠާޢޫން އަކީ (ޠާޢޫން ބަލީގައި މަރުވެދިޔުމަކީ) ކޮންމެ މުސްލިމަކަށް ލިބިގެންވާ ޝަހީދުވުމެއް" ކަމަށް ރަސޫލާ ވިދާޅުވެފައިވާ ހަދީސްފުޅުގެ މައްޗަށް ބިނާކުރައްވަ އެވެ.
ޑރ. ޒަކަރިއްޔާ ވިދާޅުވީ ޠާޢޫން ބައްޔަކީ ވެސް ކޮވިޑް-19 ފަދަ ވަބާ އެއް ކަމަށާއި އެހެންވެ އެ ބަލީގައި މަރުވާ މީހުންނަށް ވެސް، ޝަހީދެއްގެ ދަރަޖަ ލިބޭނެ ކަމަށް ހަދީސްފުޅުން އެނގޭ ކަމަށެވެ. އެހެންވެ، އިންސާނުންނަށް، ވަރަށް އެކަނިވެރި، ހިތްދަތި ޖަޒާނާއެއްގެ ގޮތުގައި ސިފަ ކުރެވުނު ނަމަވެސް، އެ ބަލީގައި މީހުން މަރުވަނީ ދުނިޔެ އިން ނުލިބޭނެ ވަރުގެ ބޮޑު ނިއުމަތާއި ރަހުމަތުގައި ކަމަށް ވިދާޅުވި އެވެ.
"ހަނގުރާމައެއްގައި ޝަހީދުވާ މުޖާހިދަކު ފަސްދާނުލެވެނީ ވެސް އެއްވެސް ތިމާގެ މީހަކަށް ޖަނާޒާގައި ބައިވެރިނުވެވި އެވެ. އަދި ހިނެއުމާއި ކަށުނަމާދުކުރުމަކާ ނުލަ އެވެ." ޑރ. ޒަކަރިއްޔާ ވިދާޅުވެފައިވެ އެވެ.
"އެހެންވީމާ، ކޮވިޑް -19ގެ ބަލީގައި މަރުވެދާ ޝަހީދުންގެ ޖަނާޒާގައި ގިނަ ބަޔަކަށް ބައިވެރިނުވެވުނަސް، އަދި އިސްލާމްދީން ހުއްދަކުރާ ގޮތްތަކުން ގޮތެއް ހިނެއުމުގައި ބޭނުންކުރުމަށް ފަހު، ވަޅުލުމުގައި އެއްވެސް ނިކަމެތިކަމެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ މީހުން މަރުވެދިޔައީ ވަރަށްވެސް ޝަރަފުވެރި ބާއްޖަވެރީންގެ ގޮތުގަ އެވެ،" ޑރ. ޒަކަރިއްޔާގެ ލިޔުއްވުމުގައި ވެ އެވެ.
ޑރ. ޒަކަރިއްޔާ އަކީ ދީނީ ރޮނގުން ދިރާސާ ކުރައްވައި ފޮތް ލިޔުއްވާފައިވާ އިލްމުވެރިއެކެވެ. އެގޮތުން ދިވެހި ބަހުން "ކީރިތި ގުރުއާނުގެ ދިފާއުގައި" މި ނަމުގައި ފޮތެއް ލިޔުއްވައިފަ އެވެ. އަދި އިސްލާމީ ފައިނޭންސްގެ ފޮތެއް އޭނާ ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެވެ.
ރާއްޖޭން 491 މީހަކު ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު އެކަކު މިހާރު ވަނީ މަރުވެފަ އެވެ. އޭނާ ހިނަވައި، ވަޅުލީ ވެސް ސިފައިންގެ ތެރެއިން އެކަމަށް ހާއްސަވެފައި ތިބި މަދު ބައެކެވެ.