ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ބޮޑު ހަދިޔާ ލިބުނު ނަސީބުވެރިޔާއާ އިނާމު ހަވާލު ކޮށްފި އެވެ.
ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ދިރާގުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް، އެއްވެސް މަސައްކަތެއް ނުކޮށް މި ހަދިޔާ ހޯދުމުގެ ގުރުއަތުގައި ބައިވެރިވެވެ އެވެ.
ކޮންމެ ހަފުތާއަކު ހުކުރު ދުވަހު ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބެނީ ރީފްސައިޑުން ހުށަހަޅާފައިވާ އެލްޖީ ބްރޭންޑުގެ ހޯމް ޕެކޭޖެކެވެ. މި ޕެކޭޖުގައި 4ކޭ އަލްޓްރާ އެޗްޑީ ޓީވީ، ދޮންނަ މެޝިން އަދި ޑްރަޔާ، ރެފްރިޖަރޭޓަރު، ވަޔަލަސް ހައި އެންޑް ސްޕީކަރަކާއި ސަޕްރައިޒް ގިފްޓް ހެމްޕަރެއް ހިމެނެ އެވެ. މި އިނާމަކީ 65،000ރ. ގެ އަގުހުރި އިނާމެކެވެ.
ދިރާގު ބޮޑު ހަދިޔާ ފަސް ކަސްޓަމަރުންނަށް ދޭ އިރު މިދިިޔަ ހަފްތާގެ ހުކުރު ދުވަހު ނެގި ގުރުއަތުން ނަސީބުވެރިއަކަށް ހޮވުނު ހ. ސޯސަން ވިލާ ޑރ. އަބްދުﷲ ޖުނައިދާ އިނާމު ހަވާލުކޮށް ދެވަނަ ހަފުތާގެ ނަސީބުވެރިޔާ ވަނީ ހޮވާފަ އެވެ. ދެވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވުނީ ސ. ހިތަދޫ ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ. އަދި އޭނާ އަށް އަންނަ ހުކުރު ދުވަހު އިނާމު ހަވާލު ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ މި ޕްރޮމޯޝަންގައި ހިމެނޭ ބޮޑު ހަދިޔާގެ އިތުރުން ދެން ހިމެނޭ ހަދިޔާތަކުގެ ތެރެއިން އެޗްއައިއެޗުން ރޯދަ ވީއްލުމުގެ ފުރުސަތު ލިބުނު ނަސީބުވެރިޔާ ވެސް ހޮވައި އިނާމު ވަނީ ހަވާލު ކޮށްފަ އެވެ.
އެޗްއައިއެޗްގެ ރޯދަ ވީއްލުން ބޭނުންވާ ކަސްޓަމަރުން ޖެހެނީ “iftar” ޖެހުމަށް ފަހު 500 އަށް އެސްއެމްއެސް އެއް ކުރާށެވެ. ކޮންމެ އެސްއެމްއެސް އަކަށް 1ރ. ޗާޖުކުރާ އިރު، އެސްއެމްއެސްތަކުން ލިބޭ ހުރިހާ ފައިސާ އެއް ދިރާގުން ހަދިޔާ ކުރާނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ.
ދިރާގުން ރޯދަ މަހަށް ހާއްސަ ކޮށްގެން އަދިވެސް ތަފާތު ޕްރޮމޯޝަންތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ދެ އެވެ. އެގޮތުން ހަފުތާ ތެރޭގައި 50ރ. ގެ ކޯލް ކޮށްގެން ހުކުރު ދުވަހު ހުރިހާ ކޯލެއް ހިލޭ ކުރެވޭ ޕްރޮމޯޝަނަކާއި ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމާއި ހެޔޮ އަގުގައި ސައުދީ އަށް ގުޅުން އަދި ނަމާދު ވަގުތުތަށް އަންގައިދޭ ހިދުމަތް ހިމެނެ އެވެ.