ބައެއް ވަޒީފާތަކަކީ ހުތުރު މަސައްކަތުގެ ގޮތުގައި ދެކޭ ކަމަށާއި އެކަން ބަދަލުކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައިކަލު ޓެކްސީގެެ ޚިދުމަތް އިފްތިތާހު ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިގްތިސާދީ ހަމަޖެހުމުގެ ތެރެއިން އިޖްތިމާއީ ފައިދާ ހޯދައި ދިނުމާ އެކު ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށެވެ. މިއަދު ފެށި ސައިކަލު ޓެކްސީގެ ޚިދުމަތަކީ ވެސް އޭގެ މިސާލެއް ކަމަށާއި ވަޒީފާގެ ފުރުސަތުތައް ހުޅުވެމުންދާއިރު ވަޒީފާތަކާ މެދު ދެކޭ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެންމެ އާދައިގެ ވަޒީފާ މޮޅަށް އަދާކުރީމަ އެންމެ އާދައިގެ ވަޒީފާގެ ހަގީގީ ބޭނުން ވެސް މުޖްތަމައަށް އެނގޭނީ. މުޖްތަމައުގެ އެންމެ މޮޅު ވަޒީފާ ނުވަތަ އެންމެ ދެރަ ވަޒީފާއަކީ ކޮބައިކަން ބުނެދޭން ނޭނގޭނެ ސަބަބަކީ ހުރިހާ ވަޒީފާއެއް ގުޅިލާމެހިގެން ގޮސް އޭގެ މަސައްކަތްތައް މުޖްތަމައަށް އެނގެން ފެށީމަ އޭގެ ހަގީގީ ބޭނުން މި އިހުސާސް ކުރެވެނީ،" ސައީދު ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވަކި ކަހަލަ ވަޒީފާއަކީ ހަޑި ވަޒީފާއެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ކޮންމެ ވަޒީފާއަކީ ވެސް އޭގެ ޝަރަފް ލިބިގަންނަންޖެހޭ ފަދަ ވަޒީފާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެކި ދާއިރާތަކުން އާ ބާވަތްތަކުގެ ވަޒީފާތައް އުފެދެމުން އަންނައިރު މިކަމަށް ވިސްނަންޖެހޭ ކަމަށާއި ވަކި ޖިންސެއް މިކަމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
"މިއަދު ކަނޑުމަތީގެ ވަޒީފާ ވެެސް އަދި އޭވިއޭޝަން ވަޒީފާ ވެސް އަދި ކޮންސްޓްރަކްޝަން ވަޒީފާ ވެސް އަދި އިލެކްޓްރިކް ވަޒީފާގެ ފުރުސަތުތައް މި އޮތީ ހުޅުވިފައި، މީގައި ވަކި އަންހެން ފިރިހެން ތަފާތު ކުރުމެއް އޮވެގެން ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ 1،000 ފޮޓޯ ގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ބޭނުންވާ ސާމާނު ދިނުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.