ބޯޓް ދަތުރުކުރުމަށް ދިއުމަށް ބޭނުންވާ 1000 ޒުވާނުންނާއި 1000 ފޮޓޯގްރާފަރުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ފޮޓޯގްރަފީގެ މަސައްކަތް ކުރުމަށް ބޭރުގެ އެއްވެސް މީހަކަށް އިމިގްރޭޝަނުން މިހާރު ވިސާ ދޫނުކުރާނެ ކަމަށެވެ. އެހެންކަމުން، ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން އެ ދާއިރާ އަށް ނެރުމަށް 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިދައްކަނީ އެ ކުދިންގެ އަތަށް އަޅުގަނޑުމެން ކެމެރާ ދީފައި 1000 ފޮޓޯ ގްރާފަރުން ތަމްރީންކުރާ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ބޯޓު ދަތުރުކުރުން ފަދަ ދިވެހިން ކުރިއްސުރެން ފެށިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ދިވެހި ޒުވާނުން ޝައުގުވެރިކުރުވަންޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންކަމުން، ސީމަނުން ތަމްރީން ކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށާއި ފުރަތަމަ ބުރުގައި 1000 ސީމަނުން ތަމްރީން ކުރުމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސީމަނުންގެ ތަމްރީން ޕްރޮގްރާމް ފަށާނެ ވަކި އިރެއް މިނިސްޓަރު ވިދާޅު ނުވެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓް ކުރުމާ އެކީގައި، ދިވެހިން ވަޒީފާތަކަށް ނެރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސައީދު ވިދާޅުވީ ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭގައި ހިންގާ ބޭރުގެ އޮޑިޓް ފާމްތަކާއި އެއާލައިން އޮފީސްތަކުގައި ހުސް ބިދޭސީން މަސައްކަތް ކުރުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ދިވެހިން ވެސް އެ ވަޒީފާތަކަށް ނެގުމަށް އެ ފަރާތްތަކަށް ބާރުއަޅަމުން އަންނަ ކަމަށެވެ.

"ދިވެހި ކުދިން ރަނގަޅު ނަތީޖާ ހޯދާ. މި ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ޕޮއިންޓް ބްލޭންކްކޮށް މަސައްކަތް މިކުރަނީ. މިގޮތަށް މަސައްކަތް ކުރުމުން ވަޒީފާތަކަށް ވެސް ނުކުމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ވަޒީފާގެ ބާޒާރަށް މިއަށްވުރެ ތިޔާގިކަން އައި ދުވަސްވަރެއް މީގެ ކުރިން ދުވަހަކު ވެސް އައިސްފައެއް ނުވޭ."

ވިޔަފާރީގެ އުސޫލުން ރާއްޖޭގައި ފޮޓޯ ނެގުމަށް އަންނަ ބިދޭސީންނަށް މިހާރު ވޯކް ޕާމިޓެއް ނުދެ އެވެ. އެކަމަކު އޮޅުވާލައިގެން ރާއްޖެ އައިސް ފޮޓޯ ނެގުމުގެ މަސައްކަތް ވިޔަފާރި އުސޫލުންކުރާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ. ފޮޓޯގްރާފަރުން ގެންގުޅޭ ބިދޭސީ ކުންފުންޏަކުން މީގެ ކުރިން 65 ބިދޭސީ ފޮޓޯގްރާފަރުން ގެންގުޅުނު ކަމަށާއި ނަމަވެސް އެ މީހުން ބަދަލުގައި ދިވެހި ފޮޓޯގްރާފަރުން އެ ކުންފުނިން ދުބާއީގައި ތަމްރީނުކޮށްފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.