ވާދަ ކުރި ފުރަތަމަ ފަހަރު، ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ކްލަބް އެޗްޑީސީ، މި އަހަރުގެ ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރެހެންދި ޓާފް ދަނޑުގައި ރޭ ކުޅުނު ފައިނަލްގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް، އެޗްޑީސީ މޮޅުވީ 4-2 ންނެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ޝަހުލާ ތައުފީގްގެ ގޯލަކުން ސްޓެލްކޯ ލީޑު ނެގި އެވެ. އެކަމަކު މިނިޓެއް ވެސް ނުވަނީސް ފިރުޝާނާ ނަސީރު ވަނީ އެޗްޑީސީ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި އެ ހާފު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ފާތިމަތު ސާލިޔާ ޖަހައިދިން ގޯލުން ކުރި އެޗްޑީސީން ކުރި ހޯދި އެވެ.
ދެވަނަ ހާފުގެ ހަތްވަނަ މިނިޓުގައި ސާލިޔާ ވަނީ އެޗްޑީސީ އަށް އިތުރު ގޯލެއް ޖަހައިދީ ލީޑު ފުޅާކޮށްދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޝަހުލާ ސްޓެލްކޯ އަށް އިތުރު ގޯލެއް ޖަހައިދީ ފަރަގު ކުޑަ ކޮށްދިނެވެ. ނަމަވެސް އިތުރު ގޯލެއް އެ ޓިމަށް ޖެހޭގޮތެއް ނުވި އެވެ.
އެޗްޑީސީ މެޗު ނިންމާލީ ނިމެން މިނިޓަކަށް ވެފައި ވަނިކޮށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްގެންނެވެ. މި ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ފިރުޝާނާ އެވެ.
ޖުމްލަ ނުވަ ޓީމު ވާދަ ކުރި މި މުބާރާތުގެ ގުރޫޕް ސްޓޭޖް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެޗްޑީސީ އަކީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ހަމައެކަނި ޓީމެވެ. އެ ޓީމު ފައިނަލަށް ދިޔައީ ސެމީގައި އެސްޓީއޯ ބަލި ކޮށްގެންނެވެ. ސްޓެލްކޯ ފައިނަލަށް ދަތުރު ކުރީ ސެމީގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ޕްރިޒަން ކްލަބް ބަލި ކޮށްގެންނެވެ.
މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ 10 ގޯލު ޖެހި ސާލިޔާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ސާލިޔާގެ އިތުރުން އެޗްޑީސީގެ ފިރުޝާނާ އާއި އާމިނަތު ރިސާލާ އަދި ސްޓެލްކޯގެ ޝަހުލާ އާއި މަރިޔަމް ޒާނާ ސަމީރު ވަނީ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކީ ޕްރިޒަން ކްލަބްގެ ފާތިމަތު އިނާޝާ އާދަމް އެވެ. އަދި ފެއާޕްލޭ ޓީމަކީ ވެސް ޕްރިޒަން އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ޔޫތު ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީގެ ވައިއެސްއެފް ޓީމުގެ އާއިޝަތު މަރީޝާ އެވެ.
އެންމެ މޮޅު ކޯޗަކަށް އެޗްޑީސީގެ ފަރުހާދު އިސްމާއީލެވެ. މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވުނީ އެޗްޑީސީ އެވެ.