މި އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ސެކްޓާ ލީގު ފަށައިފި އެވެ.
ރެހެންދި ޓާފް ދަނޑުގައި ރޭ ފެށި މި މުބާރާތުގައި 20 ޓީމު ވާދަ ކުރެ އެވެ. ޓީމުތައް ވަނީ ފަސް ގުރޫޕަކަށް ބަހާލައިފަ އެވެ. ފުރަތަމަ ރޭ ކުޅެފައި ވަނީ ގުރޫޕް އޭ އަދި ގުރޫޕް ބީގެ މެޗުތަކެވެ.
ގުރޫޕް އޭގެ ފުރަތަމަ މެޗުގައި ކްލަބް ވެލިގާ ވަނީ 8-0 އިން ޓީމް ފްލައި ބިޔޯންޑް ބަލި ކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ޓީމް އެމްއޭޑަބްލިއުސީ ވަނީ 1-0 އިން މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ކުޅުނު އެމްއައިބީގެ ޓީމް، މިބްސާ ބަލި ކޮށްފަ އެވެ.
ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާކޯ އާރުސީ އާއި ހެޕީ މާކެޓެވެ. މި މެޗު 4-1 އިން ކާމިޔާބު ކުރީ މާކޯ އެވެ.
ދެވަނަ މެޗުގައި ބައްދަލު ކުރީ ކްލަބް ލޯކަލްޗާ އާއި މިދިޔަ އަހަރުގެ ސެކްޓާ ލީގު ރަނަރަޕް އަދި މި އަހަރުގެ ކިންގްސް ކަޕްގެ ވެސް ރަނަރަޕް ހޯކްސް އެވެ. މި މެޗު ހޯކްސް ވަނީ 3-0 އިން ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުން ލޯކަލްޗާ ކެޓީ ހޯކްސް އަތުން ބަލި ވެގެންނެވެ.
އަމިއްލަ ކުންފުނިތަކާއި ތަފާތު ސެކްޓަރުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަކީ ކްލަބް މޯލްޑިވްސް އިން މިދިޔަ އަހަރު ތައާރަފް ކުރި މުބާރާތެކެވެ. ފަނަރަ ޓީމާ އެކު ކުރިއަށް ގެންދިޔަ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެރީނާ އެވެ. އެރީނާ ހިމެނެނީ މި އަހަރުގެ ގުރޫޕް އީގަ އެވެ.
ސެކްޓާ ލީގަކީ ކްލަބް މޯލްޑިވްސް އިން ބާއްވާ މި އަހަރުގެ ހަތްވަނަ މުބާރާތެވެ. އެ ކުންފުނިން، މި އަހަރުގެ ސީޒަން ފެށީ ކިންގްސް ކަޕުންނެވެ. އެ މުބާރާތް ކާމިޔާބު ކުރީ ސްޓެލްކޯ އެވެ. ޒުވާން ކުޅުންތެރިންނަށް މުޅިން އަލަށް ބޭއްވި ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީ ހޯދި އެވެ. އެއިޓީން ތާޓީ މުބާރާތް ކާމިޔާބު ކުރީ ވެމްކޯ އެވެ. އަދި އެއިޓީން ތާޓީ ކްލަސިކް މުބާރާތް ކާމިޔާބު ކުރީ އެޗްޑީސީ އެވެ. ކްލަބް މޯލްޑިވްސް ކަޕް ސްލަސިކްގެ ޗެމްޕިއަންކަން ހޯދީ ބިނާރާ އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އާރުއާރުސީ އެވެ.