މިހާރު މެނުއަލްކޮށް ކުރަމުން އަންނަ ޗެކް ކްލިއާކުރުމުގެ މަސައްކަތް، އިލެކްޓްރޯނިކް ނިޒާމަށް ބަދަލުކޮށް ކްލިއާކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހު ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް ބޭންކިން ހިދުމަތްތައް ރައްކާތެރި އަދި އަވަސް ނިޒާމެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިހާރު މެނުއަލްކޮށް ކުރާ ޗެކް ކްލިއާކުރުމުގެ މަސައްކަތް އިލެކްޓްރޯނިކް ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބޭންކްތަކުގެ މެދުގައި އެ ސިސްޓަމް ތައާރަފްކުރުމަށް ސިސްޓަމް ޓެސްޓް ކުރުމާއި މުވައްޒަފުން ތަމްރީނުކުރުން އަދި އެހެނިހެން ތައްޔާރީތައް ވުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މި ބަދަލާ ގުޅިގެން، ޗެކުތައް ކްލިއަ ކުރުމަށްޓަކައި ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ޗެކްތައް ސްކޭންކުރުމަށްފަހު އޭގައިވާ މައުލޫމާތު ޗެކުގެ އިމޭޖާއި އެކު މިސިސްޓަމް މެދުވެރިކޮށް ބޭންކްތަކުގެ މެދުގައި ބަދަލުކުރެވޭނެ އެވެ. އަދި ޗެކްތައް ކްލިއާކުރުމުގެ މަސައްކަތްތައް ލުއިވެ، ކަސްޓަމަރުން ޑިޕޮސިޓް ކުރާ ޗެކްތަކަށް މިހާރަށް ވުރެ އަވަހަށް ފައިސާ ލިބިގެންދާނެ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

އެ އޮތޯރިޓީން ބުނީ އިލެކްޓްރޯނިކް ޗެކް ކްލިއަރިން ހިންގުމަށް، އިގްތިސާދުގައި ދައުރުވާ ހުރިހާ ޗެކްތަކަކީ އެމްއެމްއޭ އިން 2009 ގައި ނެރެފައިވާ "ސްޓޭންޑަޑްސް ފޯ ޗެކް ޑިޒައިން އެންޑް މެގްނެޓިކް އިންކް ޕްރިންޓިންގް އޮފް މޯލްޑިވިއަން ޗެކްސް" ގައިވާ މިންގަޑުތަކަށް ފެތޭ ޗެކްތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބޭންކްތަކާ މުއާމަލާތްކޮށް، މިދިޔަ ފެބްރުއަރީ 29ގެ ނިޔަލަށް ބޭންކް ތަކުން ދޫކުރާ ޗެކްފޮތްތަކަކީ އެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ޕްރިންޓްކުރެވޭ ޗެކްތަކަށް ހެދުމަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

އެމްއެމްއޭއިން ހަމަޖެއްސި މިންގަނޑުގެ ދަށުން ޗެކުގެ ދިގުމިނުގައި ހަތް އިންޗި އަދި ފުޅާމުނުގައި 3.5 އިންޗި ހުންނަން ޖެހެ އެވެ. އަދި ޗެކުގެ ތާރީހާއި ރައްދުވާ ފަރާތް، ސޮއި، އަދި އަދަދު ޖެހުމަށް ހާއްސަކޮށްފައިވާ ފީލްޑްތައް އެއް މިންގަޑުތަކަށް ހުންނަން ޖެހެ އެވެ. އޭގެ އިތުރުން ޗެކުގައި މެގްނެޓިކް އިންކް ކެރެކްޓަ ރިކޮގްނިޝަން (މައިކާ) ބޭންޑް ނުވަތަ ބާކޯޑް ހިމެނިފައި ހުންނަން ޖެހެ އެވެ.

އެމްއެމްއޭ އިން ބުނީ ކަނޑައެޅިފައިވާ ވަކި ގަޑިއެއްގެ ކުރިން ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ޗެކްތައް ހަމަ އެ ދުވަހު ސްކޭންކުރުމަށް ފަހު ޗެކްގައިވާ މައުލޫމާތާއި ޗެކުގެ އިމޭޖް އިލެކްޓްރޯނިކް ކްލިއަރިން ހައުސް މެދުވެރިކޮށް ބޭންކްތަކުގެ މެދުގައި ބަދަލުކުރެވޭނެ ކަމަށެވެ. މިގޮތުން އެ ނިޒާމު މެދުވެރިކޮށް ޗެކްތައް ކްލިއާ ކުރުމުގެ މަސައްކަތްތައް ހަމަ އެދުވަހު ކުރިއަށްދާނެ ކަމަށާއި ޖެހިގެން އަންނަ ދުވަހު ހެނދުނު އެ ފައިސާ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.