ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ޗެކުތައް އެއް ސައިޒަކަށް އަދި އެއް ފޯމެޓަކަށް ބަދަލުކޮށް، އޮޓޮމެޓިކް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް އެއް ދުވަސް ތެރޭގައި ފައިސާ ޖަމާކޮށްދޭން ފަށާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.

ބޭންކުތަކުން ދޫކުރާ ޗެކުތައް މިހާރު ޖަމާކުރަނީ ހުރިހާ ބޭންކުތަކުން އެމްއެމްއޭ އަށް ގޮސް، އެ ތަނުގައި ތިބެގެން ކޮންމެ ބޭންކެއްގެ ޗެކުތައް ވަކި ވަކިން ހޮވައިގެން ގެންގޮސްގެންނެވެ. ފައިސާ ޖަމާކުރާ ބޭންކުގެ ޗެކެއް ނޫން އެހެން ބޭންކެއްގެ ޗެކެއް ކްލިއާކޮށް ޖަމާކުރަން މިހާރު އާއްމުކޮށް ތިން ދުވަސް ނަގަ އެވެ.

އެމްއެމްއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާ އުސޫލުގެ ދަށުން ރާއްޖޭގެ ހުރިހާ ބޭންކަކުން ދޫކުރަންވާނީ އެއް ސައިޒެއްގެ، އެއް ފޯމެޓަކަށް ހުންނަ ޗެކުތަކެއް ކަމަށެވެ. އަދި ކޮންމެ ބޭންކެއްގައި ވެސް ޗެކުތައް އޮޓޮމެޓިކްކޮށް ކްލިއާކުރުމަށް ހާއްސަ ސްކޭނިން މެޝިނެއް ބޭނުންކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗެކުތައް ކްލިއާކުރުމަކީ ކޮންމެ ދުވަހަކު ބޭންކުތަކުން ކުރާ ވަރަށް ބޮޑު މެނުއަލް މަސައްކަތެއް. މިހާރު އޮންނަ ގޮތުން ފައިސާ ޖަމާކުރާ ބޭންކު ނޫން އެހެން ބޭންކެއްގެ ޗެކެއް މިއަދު ޖަމާކޮށްފި ނަމަ ތިން ވަނަ ދުވަހު ފައިސާ ނެގޭނީ. އެކަމަކު އޮޓޮމޭޓް ކުރީމަ ޖެހިގެން އަންނަ ދުވަހު އެ ޗެކްގެ ފައިސާ ޖަމާވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޓޮމޭޓް ކުރުމުން ޗެކު ކްލިއާކުރަން ކޮންމެ ދުވަހަކު އެމްއެެމްއޭއަށް ބޭންކުތަކުން ދާން ނުޖެހޭނެ ކަމަށެވެ.

"ބޭންކުތަކުން އަމިއްލައަށް ސްކޭން ކުރުމަށް ފަހު އިލެކްޓްރޯނިކްކޮށް އެކްސްޗޭންޖް ކުރެވޭނެ. އަލަށް ޗެކުތައް ބަދަލު ކުރާއިރު ކޮންމެ ޗެކެއްގައި ހުންނަ ބާކޯޑު ރީޑު ކުރާނީ. ބޭންކުތަކުން މިހާރު އެ ސްޓޭންޑަޑަށް ޗެކު ފޮތް ބަދަލުކޮށްފައި ވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

"ކަސްޓަމަރުން ވެސް ޖެހޭ ޗެކުގައިވާ އިންސްޓްރަކްޝަންތަކަށް އަމަލުކުރަން. އެ ގޮތުން ޗެކުގައި ލިޔަން ނުޖެހޭ ތަންތަނުގައި ލިޔުމާއި ޗެކު ފަތްޖެހުން ފަދަ ކަންތައް ކުރާ ނަމަ ޗެކު ކްލިއާކުރަން އުނދަގޫވާނެ."