މިދިޔަ ނޮވެމްބަރު މަސް ނިމުނު އިރު ސަރުކާރުގައި ބޭނުން ކުރުމަށް ހުރީ 389 މިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ކޭޝްފްލޯ ސްޓޭޓްމެންޓުގައި ވާގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނު އިރު އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ވަނީ ހަރަދުތަކަށް ބޭނުންކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި ސަރުކާރުގެ ހިންގުމުގެ ހަރަދަށެވެ. އެގޮތުން މިދިޔަ މަހު ވެސް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވަނީ މުވައްޒަފުންނަށް މުސާރަ ދީ، ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ބެލެހެއްޓުމަށެވެ.
ސަރުކާރުގެ ކޭޝްފްލޯ އަކީ ކޮންމެ ދުވަހަކު ހެން ބަދަލު އަންނާނެ އެއްޗެކެވެ. އެގޮތުން ކޮންމެ މަހަކު ވެސް ޓެކްސް އާއި އެ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން އެ މަހެއްގައި ކުރާ ހޭދަ ކޭޝްފްލޯއިން ފެންނާނެ އެވެ. ކޭޝްފްލޯ އިން ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން އެނގޭނެ އެވެ. އަދި ސަރުކާރުގެ މާލީ ގާބިލުކަން ހުރި މިންވަރު ސާފުވާނެ އެވެ.
މިދިޔަ 11 މަހަށް ބަލާ އިރު ބައެއް މަސް މަހުގައި ސަރުކާރަށް ވަތް އާމްދަނީއެއް ވުރެ ބޮޑަށް ހަރަދުތައް އިތުރުވެފައިވެ އެވެ. އެގޮތުން ފެބްރުއަރީ މަހު ވަތް އާމްދަނީއަށް ވުރެ ކުރަން ޖެހުނު ހަރަދު 800 މިލިއަނެއް ރުފިޔާ އިތުރުވެފައިވެ އެވެ. މީގެ އިތުރުން އޭޕްރީލާއި މެއި އާއި އޮގަސްޓާއި ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަސް ނިންމާލީ، ކޭޝްފްލޯ މައިނަސް އަދަދެއްގައި ހުރެ އެވެ.
މިއަހަރުގެ މިހާތަަނަށް ބަޖެޓުން 25 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު 18 ބިލިއަން ހަރަދުވީ، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި، ހިންގުމަށެވެ.