ދައުލަތުގެ މި އަހަރުގެ ބަޖެޓުން މިހާތަނަށް 8.5 ބިލިއަން ރުފިޔަ ހޭދަކޮށްފި އެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ 2.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެތުން 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަހަރަށް ދައުލަތުން ހަރަދު ކުރުމަށް ފާސްކޮށްފައިވަނީ 64 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ޖުމްލަ ބަޖެޓުގެ 13 ޕަސެންޓް މިހާތަނަށް މިވަނީ ބޭނުންކޮށްފަ އެވެ.
ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އޮފީސްތައް ހިންގުމާއި މުވައްޒަފުންގެ މުސާރަ ދިނުމަށެވެ. އެ ދެ ކަމަށް 6.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރަ އަށް 2.7 ބިލިއަން އަދި އޮފީސްތަކުގެ އިދާރީ ހަރަދުތަކަށް 3.8 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ހިލޭ އެހީތަކާއި އެހެން ސަބްސިޑީތަކަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މަޝްރޫއުތަކަށް ސަރުކާރުން ހޭދަކޮށްފައިވަނީ 665 މިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް 9.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. އޭގެ ތެރެއިން ޓެކްސްގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ލިބުނެވެ. މި އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފާސްކޮށްފައިވެ އެވެ.