ސަރުކާރު ބަންދު ނަމަވެސް މިއަދުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު އިކޮނޮމިކް މިިނިސްޓްރީން ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އޮންލައިންކޮށް ހިދުމަތް ދޭނީ މިނިސްޓްރީގެ ޕޯޓަލް beta-business.egov.mv އިންނެވެ. އަދި [email protected] އީމެއިލް ކޮށްގެން ވެސް ހިދުމަތް ދޭނެ އެވެ.
ބަންދު ދުވަސްތަކުގައި މިނިސްޓްރީން ދޭ ހިދުމަތްތައް
- ވިޔަފާރި ނަން ފާސްކުރުން.
- ވިޔަފާރި ނަން ރަޖިސްޓްރީކުރުން.
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން.
- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން.
- ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިކުރުން.
- ލޯގޯ ރަޖިސްޓްރީކުރުން.
- ސީލް ރަޖިސްޓްރީކުރުން.
- ޓްރޭޑްމާކް ރަޖިސްޓްރީކުރުން.
- ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން.
މި ހުރިހާ ހިދުމަތެއް ވެސް މިނިސްޓްރީން ފޯރުކޮށްދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. މި ވަގުތުތަކުގައި އެ މިިނިސްޓްރީގެ ލައިވް ޗެޓް ބޭނުން ކޮށްގެން ވެސް މައުލޫމާތު ލިބޭނެ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ބުނެފަ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގޭގައި މަޑު ކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު ކޮށްފައި ހުންނަތާ ތިން ހަފްތާ ވެއްޖެ އެވެ. މި ދުވަސްތަކުގައި އޮންލައިންކޮށް ހިދުމަތް ހޯދުމަށް ގިނަ އޮފީސްތަކުން ދަނީ ބާރު އަޅަމުންނެވެ.