ކުނި މެނޭޖްކުރަން ސަރުކާރުން އުފައްދާފައިވާ ވެމްކޯ އާއި އަމިއްލަ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ވީއޭއެމްކޯގެ ނަން ގިނަ ބަޔަކަށް އޮޅި، މައްސަލަތައް ކުރިމަތިވާން ފަށައިފި އެވެ.

ވީއޭއެމްކޯ އަކީ މީގެ 18 އަހަރު ކުރިން ރެޖިސްޓްރީ ކޮށްގެން، ކަނޑު އުޅަނދު ފަހަރުގެ އިންޖީނާ ބެހޭ ގިނަ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ނަން ރެޖިސްޓާކުރީ ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ގޮތުގަ އެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ނަމެއްގެ ގޮތުގައި "ވެމްކޯ" ރެޖިސްޓްރީ ކޮށްފައިވެ އެވެ. ގިނަ ބަޔަކަށް އެ ކުންފުނި އެނގެނީ ވެސް ވެމްކޯގެ ނަމުގަ އެވެ.

އެކަމަކު މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ ކުނި ނައްތާލާ ސަރުކާރުގެ ކުންފުނި ވެމްކޯ، 2009 ގައި، އުފެއްދީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގަ އެވެ. އެ ކުންފުނި ހިނގައިނުގަނެ އޮތުމަށް ފަހު، މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. އެހެންކަމުން ވެމްކޯގެ ނަމުގައި އެ ކުންފުނި މަޝްހޫރުވާން ފެށީ މިދިޔަ އަހަރު އެވެ.

"ވިޔަފާރިތައް ރެޖިސްޓްރީ ކުރާއިރު އަސްލު އެއްކަހަލަ ނަންތައް ނުކިޔަން، ވިޔަފާރިތަކުން ވެސް ވިސްނުން ވަރަށް މުހިންމު. މިކަހަލަ މައްސަލަތައް ޖެހުނީމަ އަސްލު އެފަޓެއް ލާން ނުޖެހޭ ކަންކަމުގައި މިހާރު ދެ ކުންފުނިން ވެސް އުޅެން މިޖެހެނީ،" ވީއޭއެމްކޯގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޒުބޭރު އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ސެކްޓަރު ތަރައްގީވެ، ފުޅާވަމުން އަންނަ އިރު މިފަދަ މައްސަލަތައް ހައްލުކުރަން އެކަށީގެންވާ ގަވާއިދުތަކާއި ގާނޫނުތައް ހެދިފައި ނުވާ ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިން އަމިއްލަ އަށް މިފަދަ ކަންކަމަށް ސަމާލުވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުންނަށް އޮޅުންއަރާތީ. އޮޅިގެން އަޅުގަނޑުމެންނަށް އެބަ އާދޭ ރަސްމީ ލިޔުންތައް ވެސް. ފޯނުކޯލާއި އީމެއިލްތައް ލިބޭ. ޝޯރޫމަށް އައިސް ބައެއް މީހުން ހިތްހަމަނުޖެހިގެން ވެސް އެބަ ދޭ އަޅުގަނޑުމެންނަކީ މެރިން އިކުއިޕްމަންޓް ވިއްކާ ކުންފުންޏެކޭ، ކުނި މެނޭޖްކުރަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނޭ ބުނީމަ،" ޒުބޭރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ވެމްކޯގެ ޑިރެކްޓަ އޮފް ކޯޕަރޭޓް އެފެއާޒް މަރިޔަމް ޝާހިދާ ސޮއިކުރައްވައި ވީއޭއެމްކޯ އަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ވެމްކޯގެ ނަން އެ ކުންފުނިން ވެސް ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮތީ ދެ ކުންފުނީގެ މަސައްކަތަށް އާންމުން ހޭލުންތެރި ކުރުވުން ކަމަށް އެ ސިޓީގައިވެ އެވެ.

ވީއޭއެމްކޯ އިން މި މައްސަލަ ހައްލުކުރަން އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް މިނިސްޓްރީ ތެރޭން ވެސް ހައްލެއް ނުލިބުނު ކަމަށް، އެ ކުންފުނިން ބުނެ އެވެ.

ނަމުގެ މައްސަލައާ ގުޅޭ ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެކަން ހައްލުކުރަން ދެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި "ވީ އަކުރުން ފެށޭ ވެމްކޯއަކާ ޑަބްލިޔު އަކުރުން ފެށޭ ވެމްކޯއެއްގެ މައްސަލަ" ތަންކޮޅެއް ކުރިން އޮތް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ނަމުގެ މައްސަލަ ޖެހުމުން "ނޭމް އެޕީލް ފޯމް" ލުމުން އެ މައްސަލައެއް ބަލާނެ އެވެ. އަދި އާންމު އުސޫލަކީ ފަހުން އެ ނަން ދެވުނު ކުންފުންޏަށް ނަން ބަދަލުކުރަން އެންގުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ހައްލުކުރާނެ ހާއްސަ ގާނޫނެއް އަދި ނެތް ނަމަވެސް ރެޖިސްޓްރީ ކޮށްފައިވާ ނަމެއް އެހެން ފަރާތަކަށް ދޫކުރުމަކީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އެ ގާނޫނުގެ 14 ވަނަ މާއްދާގައި ރެޖިސްޓްރީކޮށް ނުދެވޭނެ ނަންތައް ކަނޑައަޅާފައި އޮތް އިރު އެހެން ކުންފުންޏަކަށް ކުރިން ދިން ނަން ނުވަތަ އެއާ އެއްގޮތް ނަންތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.