ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރި ކުންފުނި އުފެއްދޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިހާރު އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުން ކައުންސިލްތަކަށް ވިޔަފާރި ރަޖިސްޓާ ކުރެވޭނީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ ބެލުމަށް ފަހު އެވެ.
ކައުންސިލްތަކުން ކުރާ ވިޔަފާރިތަކަށް ހުއްދަ މިނިސްޓްރީން ދޭނީ ލޯކަލް ކައުންސިލް އޮތޯރިޓީގެ ލަފާގެ މަތިންނެވެ. އިކޮނޮމިކް މިނިސްޓްރީން ގަވައިދުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ހުއްދަ ހޯދުމަށްފަހު، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދު އެކުލަވައިލައި، ހުއްދަ ދެވޭ ވިޔަފާރި ހަރަކާތްތައް މިނިސްޓްރީގައި ރަޖިސްޓަރީ ކުރާނެ އެވެ.
މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާ ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ކައުންސިލްތަކުން ރަޖިސްޓްރީ ކުރާ ކުންފުންޏެއްގެ ފައިސާ ބަލައިގަނެ، ފައިސާ ހަރަދުކުރަން ވާނީ، ކުންފުނީގެ މުއާމަލާތުތަކަށް ހުޅުވައިފައިވާ ބޭންކު އެކައުންޓު މެދުވެރިކޮށް ކަމަށް ގަވައިދުގައި ވެ އެވެ.
ގަވައިދުގައިވާ ގޮތުން ކައުންސިލްތަކުން ރަޖިސްޓްރީ ކުރާ ކޮންމެ ކުންފުންޏެއްގައި ވެސް މެނޭޖިން ޑިރެކްޓަރެއް އައްޔަނު ކުރަން ޖެހޭނެ އެވެ. އަދި ޑިރެކްޓަރުންގެ ބޯޑެއް އެކުލަވައިލާން ޖެހޭނެ އެވެ. ކުންފުންޏަށް ޑިރެކްޓަރުން އަންޔަނު ކުރާ އިރު ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވުމަށް ޓަކައި، ރެޖިސްޓްރާ ކަނޑައަޅާ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންވާނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.