ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މާލޭގައި ކޮންމެ ހަފުތާ ބަންދެއްގައި "ވީކެންޑް މާކެޓް" އެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ގިނަ ބަޔަކަށް ކޮވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް އެހީވެ، އަމިއްލަ އަށް އުފައްދާ ތަކެތި ވިއްކުމަށް ޕްލެޓްފޯމެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަރަކާތް ހާއްސަކުރާނީ އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށާއި ގޭގައި ތިބެގެން އާމްދަނީ ހޯދަން ކުދި ވިޔަފާރިކުރާ މީހުންނަށް ކަމަށް ޝިފާ ވިދާޅުވި އެވެ. މި މާކެޓު ބާއްވާނީ މާލެ އިންޑަސްޓްރިއަލް ޒޯނުގަ އެވެ.
"މާލެ ސިޓީ ކަހަލަ ތަނެއްގައި ކޮވިޑް-19އިން އަރައިގަންނަން މަސައްކަތް ކުރާއިރު އާމްދަނީ ލިބޭ ގޮތް އެބަޖެހޭ ހޯދައިދޭން. އެގޮތުން ކައުންސިލުން ވިސްނީ އަންހެނުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ވެގެންދާނެ މި ވީކެންޑް މާކެޓް،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން އަންނަނީ މިހާރު މާކެޓު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން، މާކެޓު ހުޅުވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޕީއޭއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.
މީގެ އިތުރުން މި މާކެޓާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގެ އިތުރުން ވިލިމާލޭގައި ކުދި ވިޔަފާރިތައް ކުރަމުން އަންނަ މީހުންނަށް އެހީވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.