މިދިޔަ ބުރާސްފަތި ދުވަހު ގައުމީ އަތްތެރި މަސައްކަތުގެ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ"ގެ މަގުސަދު ސާފެވެ: ފަންނުވެރިންގެ މަސައްކަތްތައް ދައްކާލަދިނުމާއި އެ މީހުންނަށް މާކެޓެއް ހޯދައިދީ، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މިފަހަރުގެ އެކްސްޕޯގައި ގާތްގަނޑަކަށް 300 މީހުންގެ ތަކެތި ބެހެއްޓި އެވެ. އެއީ ހުނަރުން ފުރިފައިވާ މަސައްކަތްތަކެވެ. ދަރުބާރުގޭގައި މިރޭ ނިމޭ މައުރަޒު ބަލަން މިހާތަނަށް ގާތްގަނޑަކަށް 20،000 މީހުން ޒިޔާރަތްކޮށްފި އެވެ.
ލިޔެލާ ޖެހުމުގެ މަސައްކަތާއި ކިއްސަަރު ވަޑާމާއި ތެދުއި ވަޑާމުގެ އުފެއްދުންތަކެވެ. ޕްލާސްޓިކާއި ފޮތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސާމާނުތަކެވެ. އަންހެނުންގެ ދަބަހާއި ފައިވާނެވެ. އެކި ބާވަތުގެ އެއްޗެހިން ތަައްޔާރުކޮށްފައިވާ ކުރެހުންތަކެވެ.
ސްޓޯލަކަށް ދޫކުރާނެ ސްޓޯލެއް ނެތެވެ. އެކި ދާއިރާތަކުން ދިވެހިންގެ ހުނަރުތައް ވަރަށް ސާފުކޮށް ފެނެ އެވެ.
ރ. އަތޮޅުގެ ސްޓޯލުގައި ހުރި ދޯނިތައް ރީއްޗެވެ. މަސް ދޯނިން ފެށިން، ކުރިން ބޭނުންކުރި ބައްތެލީގެ ކުދިކުދި އުފެއްދުމެވެ.
ކިއްސަަރު ވަޑާމަށް މަޝްހޫރު ރ. އިނގުރައިދޫ މުހައްމަދު ވަހީދު ބުނީ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެކަމަކު މައްސަލައަކީ، އޭނާ ފާހަގަކުރި ގޮތުގައި، ހީކުރިވަރަށް ވުރެ ތަކެތި ވިކުން މަދުވުމެވެ.
އޭނާ ބުނީ އެކްސްޕޯއަށް ގެނައި ތަކެއްޗަކީ އެތައް ދުވަހެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެހެންކަމުން މާލޭގައި ބާއްވާ އެފަދަ މައުރަޒަކަށް އަންނަނީ ވަރަށް ބޮޑެތި އުއްމީދުތަކަކާ އެކު ކަމަށް ވެސް އޭނާ ބުންޏެވެ.
"ހީވަނީ މިއީ މަހުގެ ފަހުކޮޅަށް ވެފައި ޗުއްޓީ ވެސް ވީމަޔާ އެކު ހަރަދުކުރުމުގައި މީހުން ތަންކޮޅެއް ބަލަނީ ހެން،" ހާލަތު ވަޒަންކުރަމުން މުހައްމަދު ބުންޏެވެ.
އޭނާއަކީ މިފަދަ މައުރަޒުތަކަށް އާ މީހެއް ނޫނެވެ. ކުރީގެ މައުރަޒުތަަކުން ބޮޑު ފައިދާއެއް ލިިބުނެވެ. އޭނާ މައުރަޒަށް ގެނައި ދޯނިތައް ހަދާފައި ވަނީ އޭނާގެ ބައްޕަ އެވެ. މުހައްމަދު މެދުވެރިވަނީ އެ އެއްޗެހި ވިއްކާށެވެ.
ބ. ތުޅާދޫ ސްޓޯލަކީ ވެސް މަސައްކަތްތެރިކަމުގެ ނަމޫނާއެކެވެ. އެ ސްޓޯލުގައި ހުންނެވި އެރަށު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ މިހާރަށް ވުރެ ރަނގަޅަށް މި އެކްސްޕޯ މާކެޓު ކުރެވެން ޖެހޭ ކަމަށެވެ.
"މީހުން އެބަ އާދޭ. އެކަމަކު ގަންނަ މީހުން މަދު. ބޮޑަށް މި ވިއްކޭނީ ސަރުކާރުން ނަަގައިގެން. އަމިއްލަ ފަރުދުންނަށް މި ގަންނަން ވަރަށް އުނދަގޫވާނެ،" ވަހީދު ވިދާޅުވި އެވެ.
ލިޔެލާޖެހުމަށް މަޝްހޫރު ތުޅާދޫގެ ފަންނުވެރިންގެ އެތައް އުފެއްދުމެއް އެ ސްޓޯލްގައި ހުއްޓެވެ. ވާސްތަކާއި މޭޒުމަތީ ބަހައްޓާ ސާމާނާއި މޭޒާއި ބިއްލޫރި ތައްޓާއި ގަލަން ފަދަ ތަކެތީގައި ވެސް ލާޖަހައިފަ އެވެ. މި ބުރަ ކަވި މަސައްކަތުން އުފައްދާ ތަކެތީގެ އަގު ވެސް އެހާ ބޮޑެވެ.
ވަހީދު ވިދާޅުވި ގޮތުގައި ކުރީގެ މައުރަޒުތަކަށް ގެންނަ ގިނަ ސާމާނު ސަރުކާރުން ވެސް ގަނެ އެވެ. އެހެންކަމުން މިފަހަރު ވެސް ސަރުކާރުގެ އެކި އޮފީސްތަކުން އެ އުފެއްދުންތައް ގަންނާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.
ށ. އަތޮޅު ސްޓޯލުގައި ހުރި މަރިޔަމް އުސާމާ އަކީ ފޮތީގެ އެކި މަސައްކަތްތަކުގެ ހުނަރުވެރިއެކެވެ. މިއީ މިކަހަލަ އެކްސްޕޯއެއްގައި އޭނާ ބައިވެރިވީ ފުރަތަމަ ފަހަރެވެ. ނަމަވެސް އާންމުންގެ ތަރުހީބު ބޮޑުކަން އޭނާ ފާހަގަކުރި އެވެ.
އެ ސްޓޯލުގައި ފޮތިން ހަދާފައިވާ ކީ ޗެއިނާއި ބޭންޑާއި ކަންފަތުގައި ލާ ސާމާނާއި ޑްރީމް ކެޗާ ފަދަ ތަކެތި ހުއްޓެވެ. އުސާމާގެ އުފެއްދުންތައް މިހާރު ވެސް އޮންލައިންކޮށް އޭނާ ގެންދަނީ ވިއްކަމުންނެވެ.
ސައުތު އޭޝިއަން ވިމެން އެސޯސިއޭޝަންގެ ސްޓޯލުތަކުގައި، ދިވެހި އަންހެނުން ހަދާފައި ހުރި ކާނާގެ ތަފާތު ބާވަތްތަކާއި އަންހެނުންނާ ބެހޭ އުފެއްދުންތަކުގެ އިތުރުން ކުޑަކުދިން ކިޔަވަން ބޭނުންކުރާ އެއްޗެހި ވެސް ހުއްޓެވެ.
އެ އެސޯސިއޭޝަންގެ ޗެއާމަން ސުނީތާ މުހައްމަދު ވިދާޅުވާނީ މެންދުރު 2:00 އިން 4:00 އާ ދެމެދު އެހާ ގިނަ މީހުން މައުރަޒަށް ނުވަންނަ ކަމަށެވެ. ނަމަވެސް ހަވީރާއި ރޭގަނޑު ވަރަށް ގިނަ ބަޔަކު ވަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސުނީތާ ވިދާޅުވީ މިފަދަ އެކްސްޕޯތައް އިންތިޒާމު ކުރުމުގައި އިސްލާހުކުރަން ޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ހިތްހަމަޖެހޭ. އަނެއްހެން ބައެއް ކަހަލަ ކަންކަން އެބަ ހުރި ދަތިވާ. އެހެން ނަމަވެސް އޯވަރޯލްކޮށް ބުނާ ނަމަ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
ސުނީތާ ގަބޫލުކުރަައްވާ ގޮތުގައި މައުރަޒު ހުޅުވާފައި ހުންނަ ވަގުތު ނިސްބަތުން މާ ދިގެވެ. މެންދުރުފަހު މީހުން އަންނަލެއް މަދު ނަމަވެސް ހުޅުވާފައި ބަހައްޓަން ޖެހޭތީ އެ އުނދަގޫ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ސްޓޯލްތަކުން ތަކެތި ވިކޭލެއް މަދު ނަމަވެސް ޖުމްލަކޮށް ބަލާ ނަމަ ފަންނު އެކްސްޕޯ އަކީ އާދަޔާ ހިލާފު މަސައްކަތްތެރިކަމެއް ފެނުނު މައުރަޒެކެވެ. ދިވެހިންގެ ހުނަރެވެ. ޓޫރިސްޓުންގެ ސަމާލުކަން ވެސް ލިބޭނެ ފަދަ ތަފާތު އުފެއްދުންތަކެވެ. ހުނަރުވެރިންނާއި މަސައްކަތްތެރިންގެ އެދުމަކީ، މާކެޓް ހޯދައިދިނުމެވެ.