ރާއްޖޭގެ ޓޫރިޒަމަކީ ލަގްޒަރީ ގިނަ ރިސޯޓުތަކެއް ހިމެނޭ، މުއްސަދިންނަށް ހާއްސަ ޗުއްޓީތަކަށް އެންމެ ފުރިހަމަ އެއް މަންޒިލެވެ. ރިސޯޓުތަކުގެ އިތުރުން ޕްރައިވެޓް އައިލެންޑަށް ކޮންސެޕްޓަށް ބޮޑު އަގުގައި ޗުއްޓީ ހޭދަކުރެވޭނެ ފުރުސަތު ވެސް ރާއްޖޭގައި އެބަ އޮތެވެ. ބ. އަތޮޅުގައި އޮންނަ "ދަ ނޯޓިލަސް މޯލްޑިވްސް" އަށް މިލިއަން ޑޮލަރު ހޭދަކޮށްގެން ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލެވޭނެ އެވެ.
ފައިވް ސްޓާގެ މި ރިސޯޓުގައި ހޭދަކޮށްލާ ކޮންމެ ރެއަކަށް 250،000 ޑޮލަރު ހޭދަކުރަން ޖެހެ އެވެ. އަދި "އޭން އަލްޓަރާ-ލަކްސް ޓު ޔުއާސެލްފް"ގެ ޕެކޭޖުގެ ދަށުން އެންމެ މަދުވެގެން ހަތަރު ދުވަހު ހޭދަކުރަން ޖެހެ އެވެ. އެ ހަތަރު ދުވަހުގެ ތެރޭގައި އެ ރިސޯޓް އެ މީހަކަށް އެކްސްކުލޫސިވް ވެ އެވެ.
މިއީ ކޮވިޑްގެ މި ހާލަތުގައި ހިތްފަސޭހަ މާހައުލެއްގައި ދުވަސްތައް ހޭދަކޮށްލުމަށް ލިބޭނެ ތަފާތު ފުރުސަތެކެވެ.
މިގޮތަށް އެ ކުޑަ ރިސޯޓަށް ގޮސް ޗުއްޓީ ހޭދަކުރާ މީހުންނަށް ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީއައިޕީ ހިދުމަތްތައް ލިބޭނެ އެވެ. އަދި ސީޕްލޭންގައި ވަގުތުން ރިސޯޓަށް ގެންދާނެ އެވެ.
މި ޕްރައިވެޓް އައިލެންޑް ރިސޯޓުގައި 26 ބީޗް އަދި އޯޝަން ހައުސް ހުރެ އެވެ. ޔުނެސްކޯގެ ބައޮސްފިޔާ ރިޒާވްގައި އޮންނަ މި ރިސޯޓަށް ދާ ހުރިހާ ޓޫރިސްޓުންނަށް އެންމެ ފުރިހަމަ ބަޓްލާ ސާވިސް ލިބޭނެ އެވެ.
މި ރިސޯޓުގެ ހުރިހާ ސަރަހައްދަކަށް ވައިފައި ލިބޭ އިރު ހާއްސަ ފިޓްނަސް ކްލާސްތައް ވެސް ކުރިއަށް ގެންދެ އެވެ. މީގެ އިތުރުން ސްނޯކްލިން އާއި ވޯޓާ ސްޕޯޓްސްގެ އިތުރުން ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ކޮވިޑްގެ ހާލަތަށް ފަހު ރާއްޖެ ޓޫރިޒަމަށް ހުޅުވަލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ދަ ނޯޓިލަސް މޯލްޑިވްސް އަލުން ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.