ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން އުފާ ލިބިގަންނަމުން، އަމިއްލަ މަސައްކަތުގައި އުޅުމުގެ ފުރުސަތު، ނޯޓިލަސް މޯލްޑިވްސް ރިސޯޓުން ހުޅުވާލައިފި އެވެ: އެކަމަކު އެ ރިސޯޓްގައި އެފަދަ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖް ފެށެނީ 23،250 ޑޮލަރު (358،515ރ) އިންނެވެ.
މި ހާއްސަ ޕެކޭޖްގައި ޗުއްޓީ ހޭދަކޮށްލަން އަންނަ މީހުން މަސައްކަތްކުރަން ބޭނުންވާނެ ހާއްސަ މޭޒާއި ޕާސަނަލް އެސިސްޓެންޓެއް ވެސް ބަހައްޓަ އެވެ. އެ އިންތިޒާމް ހަމަޖައްސައިދެނީ ރާއްޖޭގެ މޫދުގެ ހިތްގައިމު މަންޒަރު ބަރާބަރަށް ފެންނާނެ މާހައުލެއްގަ އެވެ.
މި ޕެކޭޖްގައި ހަތް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. އެ ދުވަސްތަކުގައި އެ ރިސޯޓްގެ ލަގުޒަރީ ޔޮޓްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ވެސް ދެ އެވެ.
ބ. އަތޮޅުގައި ހަދާފައިވާ ރިސޯޓް، ކޮވިޑް-19އާ ގުޅިގެން ބަންދުކުރުމަށް ފަހު އަލުން ހުޅުވީ މި މަހު 1 ގަ އެވެ.
އެ ރިސޯޓުން ބުނީ ރާއްޖޭގެ މި ހިތްގައިމު މާހައުލުގައި ޗުއްޓީއަކާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެނީ، ކޮވިޑް-19އާ ހެދި އޮފީހަށް ދިއުމުގެ ބަދަލުގައި ގޭގައި މަސައްކަތްކުރަން ޖެހިފައި ވާތީ ކަމަށެވެ.
މަސައްކަތް ކުރާ ގޮތަށް ނަގާ ޗުއްޓީއަކީ އަވަދިނެތި އުޅޭ ބައެއް މީހުންގެ އާދައެކެވެ. އޭގެ ތެރޭގައި އަމިއްލަ ވިޔަފާރި ހިންގާ މީހުންނާއި ފިލްމީ ތަރިން ވެސް ހިމެނެ އެވެ. މި މީހުންނަށް ވަގުތުގެ މުހިންމުކަން ބޮޑުވުމުން، ޗުއްޓީގައި ވެސް ވަޒީފާގެ ޒިންމާތަކާ ދުރުވެވޭކަށް ނޯވެ އެވެ.
ކޮވިޑް-19އާ ގުޅިގެން ހަތަރު މަހެއްހާ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15 އެވެ. ނަމަވެސް މި ހާލަތުގައި ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި ވަރަށް ވުރެ ޓޫރިސްޓުންގެ އަދަދު މާ މަދެވެ. އެހެންކަމުން އޮކިއުޕެންސީ އިތުރުކުރަން އެކި ރިސޯޓްތަކުން އަންނަނީ މިފަދަ ތަފާތު ޕެކޭޖުތައް ތައާރަފުކުރަމުންނެވެ.