މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ދުނިޔޭގެ ޓޫރިޒަމް ދާއިރާ އަށް ބޮޑު ހުއްޓުމެއް އައިއިރު ވެސް ރާއްޖެއަކީ އެ ދާއިރާއިން އެންމެ ކާމިޔާބު ހޯދި މަންޒިލް ކަމަށް ސީއެންއެން އިން ކަނޑައަޅައިފި އެވެ.
ސީއެންއެންގައި ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައި ވަނީ ރާއްޖެ އަށް މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް ދުނިޔޭގެ އެހެން ޓޫރިސްޓް މަންޒިލްތަކާ އަޅާ ބަލާއިރު ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް މިދިޔަ އަހަރު ލިބުނުކަން ފާހަގަކޮށްފަ އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު ފަސް ލައްކަ ޓޫރިސްޓުން އައިސްފައި ވެ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ސީއެންއެންގެ އާޓިކަލްގައި ވާގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ޓޫރިސްޓުން އައިސް އެ ދާއިރާ ހިނގައިގަންނަން ފެށީ ދުނިޔޭގެ މަޝްހޫރު ހުރިހާ މަންޒިލެއްގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ދަނޑިވަޅު ރާއްޖެއިން ބޯޑަރު އަވަހަށް ހުޅުވައިލުމުންނެވެ. ރާއްޖެއަކީ އެންމެ އަވަހަށް ބޯޑަރު ހުޅުވައިލި އެއް ގައުމެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ވަނީ ހުޅުވައިފަ އެވެ.
ރާއްޖެއިން ބޯޑަރު އެހާ އަވަހަށް ހުޅުވައިލުމުގެ އެންމެ ބޮޑު ސަަބަބަކީ ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރެވެ. އެމެރިކާގެ މިޝިގަން ސްޓޭޓް ޔުނިވާސިޓީން އެއްކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 28 ޕަސެންޓް ނިސްބަތް ވަނީ ޓޫރިޒަމަށެވެ. މީގެ އިތުރުން ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެ އަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 70 ޕަސެންޓް ފައިސާ ލިބެނީ ޓޫރިޒަމް ދާއިރާއިންނެވެ. އެހެންކަމުން ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖެއަކީ ޓޫރިޒަމް ދާއިރާ އަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ގައުމެވެ.
ޓޫރިސްޓުންގެ މަޝްހޫރު މަންޒިލްތައް ކަމަށްވާ ޓަހީޓީ އާއި ބާލީ އާއި ޕުކެޓް ބަންދުކޮށްފައި އޮއްވާ ރާއްޖެ ހުޅުވާލުމުން އޭގެ ފައިދާ ވެސް ރާއްޖެ އަށް ލިބުނެވެ. މީގެ އިތުރުން އަލުން ބޯޑަރު ހުޅުވައިލި ގައުމުތަކުގައި ޓޫރިސްޓުންނަށް ކަރަންޓީން ވާން ޖެހޭ މުއްދަތު ވެސް އިތުރުވުމާއި ހަރުކަށި އުސޫލުތައް ހެދިފައި ހުރުމަކީ ވެސް ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ފަސޭހައިން މިހާރު ވެސް ޓޫރިސްޓުން ރާއްޖެ އަށް އާދެވެ އެވެ.
މީގެ އިތުރުން ރިސޯޓުތައް ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމަކީ ވެސް ރާއްޖެ އަށް ކޮވިޑްގެ ހާލަތުގައި ލިބުނު ވަރަށް ބޮޑު ފައިދާ އެވެ. އޭގެސަބަބުން ކޮވިޑް ކޭސްއެއް ގިނަ ބަޔަކަށް ނުފެތުރި ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް ފަސޭހަވި އެވެ.
ވަން އެންޑް އޮންލީ ރީތި ރަށުގެ ޖެނެރަލް މެނޭޖަރު ޖަން ޓިބޯލްޑީ ސީއެންއެން އަށް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރިސޯޓަށް އައި ޓޫރިސްޓުން މަދުވި ނަމަވެސް ރިސޯޓުގައި ހޭދަކުރާ މުއްދަތު އިތުރެވެ. ރިސޯޓުތަކުން ވަނީ ދިގު މުއްދަތައް ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖުތައް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ވަން އެންޑް އޮންލީގައި 42،000 ޑޮލަރު ހޭދަކޮށްގެން އެއް މަސް ދުވަހު ހުރެވޭނެ އެވެ. އަދި އަނަންތާރާ ވެލި ފަދަ ރިސޯޓުތަކުން އަހަރެއްގެ ކޮންމެ ހިސާބެއްގައި ވެސް ރިސޯޓުގައި ހުރެވޭނެ ގޮތަށް ހާއްސަ ޕެކޭޖުތައް ހަދާފައިވެ އެވެ.