ދިވެހިވަންތަ، ކްރިއޭޓިވް އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނަ ޓޮޑީ އިން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ވެބްސައިޓެއް ތައާރަފްކޮށްފި އެވެ.
ޓޮޑީ އޮންލައިން ސްޓޯ މެދުވެރިކޮށް އެ ފިހާރައިން ވިއްކާ ހުރިހާ އުފެއްދުމެއް ގަނެވޭނެ އެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކަށް ތަކެތި ޑެލިވަރީ ވެސް ކޮށްދޭނެ އެވެ. މިގޮތަށް ޑެލިވަރީ ކުރާ އިރު ޓްރެކިން މައުލޫމާތުތައް ވެސް ތަކެތި ގަންނަ ފަރާތަށް ވަރަށް ފަސޭހައިން ބަލައިލެވޭނެ ފީޗާތައް ވެބްސައިޓުގައި ހިމަނާފައިވެ އެވެ.
ޓޮޑީ އުފެއްދީ އެއްބަނޑު އެއްބަފާ ދެބެއިން ކަމަށްވާ މުހައްމަދު ފަޔާޒް އާއި އަހުމަދު ރިޔާޒްގެ ހިޔާލާއި ހުނަރުވެރި މަސައްކަތްތައް ހިމެނޭ ގޮތަށެވެ. މި ކުންފުނި އެންމެ ފުރަތަމަ ވުޖޫދަށް އައީ 2009 ވަނަ އަހަރު އެވެ. ދިވެހިންގެ ސަގާފަތާއި އާދަކާދަ އާއި ޖަޒީރާ ދިރިއުޅުން ފެންނަ މި އުފެއްދުންތައް ތައްޔާރުކޮށްފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި ބާވަތްތައް ހިމެނޭ ގޮތަށެވެ.
ޓޮޑީއިން ހެދުމާއި ގަހަނާއާއި، ޒުވާނުންގެ މަގްބޫލުކަން ލިބިފައިވާ އެތައް އުފެއްދުންތައް ބާޒާރަށް އަންނަނީ ނެރެމުންނެވެ. ދިވެހިންގެ މަސައްކަތްތެރި ހުނަރާއި ފަންނުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ޓޮޑީއިން ބުނެފައިވެ އެވެ.
ޓޮޑީގެ އޮންލައިން ޕްލެޓްފޯމާ އެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ޓޮޑީއިން ވިޔަފާރި ކުރެވޭނެ އެވެ. ޓޮޑީ އޮންލައިން ސްޓޯ ލޯންޗު ކުރުމައި ގުޅުވައިގެން ރޭ ފެށި ސާފް ޗެމްޕިއަންޝިޕް މުބާރާތަށްހާއްސަކޮށްގެން ޓޮޑީއިން އޮންލައިންކޮށް ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް ޓޮޑީގެ "ރެޑް ސްނެޕާސް" ޖަހާފައިވާ ޓީޝާޓެއް ހިލޭ ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފައިވެ އެވެ. މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް އޮތް ފޯރި އިތުރުކުރުމުގެ ގޮތުން ޓޮޑީއިން ކުރާ ކަމެކެވެ.
އޮންލައިން ޝޮޕިން ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެއް ކަމުން ކޮންމެ މީހަކަށް ވެސް އެންމެ ފަސޭހަ ވަގުތެއްގައި ވިޔަފާރިކޮށްލެވޭނެ އެވެ. މީގެ އިތުރުން ޓޮޑީގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް އޮންލައިން ސަޕޯޓް ސާވިސް ލިބޭނެ އެވެ. މިއާ އެކު ކަސްޓަމަރުންނަށް އިތުރު އެހީތެރިކަން ބޭނުންވެއްޖެ ވަގުތެއްގައި އެހިދުމަތް ވެސް ހޯދޭނެ އެވެ. އޮންލައިންކޮށް ބައިނަލްއަގުވާމީ މައިގަނޑު ހުރިހާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑް ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ ގޭޓްވޭ ގާއިމް ކުރެވިފައިވާ ކަމަށް ޓޮޑީއިން ބުނެފައިވެ އެވެ. އަދި ރާއްޖެއިން ވިޔަފާރި ކުރާ ފަރާތްތަކަށް އެކައުންޓް ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.