ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ސީއީއޯގެ މަގާމުގައި 11 އަހަރު ހޭދަކުރެއްވުމަށް ފަހު، އިސްމާއިލް ރަޝީދު އެ މަގާމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި އިސްމާއިލް ވަނީ ދިރާގުގެ ހުރިހާ މުވައްޒަފުންނާއި އެ ކުންފުނި މިހާ ހިސާބަށް އައުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ދިރާގަކީ ރާއްޖޭގެ މުއާސަލާތީ ހިދުމަތުގައި އެންމެ ލީޑްގައި އޮތް އަދި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ކުންފުނި. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓަކާއި ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ދިރާގުން ވަނީ ހިދުމަތް ފޯރުކޮށްދީފައި،" އިނގިރޭސި ބަހުން އިސްމާއިލް ފޮނުއްވި މެސެޖުގައި ބުނެފައިވެ އެވެ.
އިސްމާއިލަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އޮތް ޓީމުން ފެށިގެން އެ ކުންފުންޏަށް ގާތްގަނޑަކަށް 40 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރު އެވެ.
ދިރާގުގެ ހިދުމަތް ފަށައިގަތް އިރު، ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާއިލްގެ ހިދުމަތް ފެއްޓެވީ ކޭބަލް އެންޑް ވަޔާލެސްގަ އެވެ. އޭނާ ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އިސްމާއިލް އިސްކޮށް އުޅުއްވި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވައިދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި ރާއްޖޭގައި ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފް ކުރުމާއި 2006 ވަނަ އަހަރު ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުން ހިމެނެ އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ގާއިމްކޮށް، ދިރާގުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގައި ވެސް އިސްމާއިލް އިސް ދައުރެއް އަދާކުރެއްވި އެވެ.
އިސްމާއިލް ވަނީ 2011 ވަނަ އަހަރު ދިރާގުން ބޭއްވި އައިޕީއޯގައި ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް އޮފަރިން މާކެޓްކޮށް، މެނޭޖް ކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ދެހާސް ފަނަރަވަނަ އަހަރު ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ އައްޔަން ކުރުމާ އެކު، ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް ވަނީ ގެނެސް ދެއްވައިފަ އެވެ.
އިސްމާއިލް ރިޓަޔާ ކުރުމާ އެކު، ދިރާގުގެ ސީއީއޯގެ މަގާމައި ހަވާލުވެވަޑައިގަތީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް އެވެ.
ދިރާގުގެ ސީއީއޯގެ މަގާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮން އިން އައްޔަނު ކުރާ މަގާމެކެވެ. ސީއީއޯ އައްޔަން ކުރުމުގެ މަސައްކަތް ބިޔޮން އިން ކުރިއަށް ގެންދިޔައީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.