ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު ރިޓަޔާ ކުރައްވަން ނިންމަވައި އެކަން އިއުލާނުކޮށްފި އެވެ. 

ދިރާގުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އިސްމާއިލަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އޮތް ޓީމުން ފެށިގެން އެ ކުންފުންޏަށް ގާތްގަނޑަކަށް 40 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. 

ދިރާގުގެ ހިދުމަތް ފަށައިގަތް އިރު، ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާއިލްގެ ހިދުމަތް ފެއްޓެވީ ކޭބަލް އެންޑް ވަޔާލެސްގަ އެވެ. އަދި އޭނާ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް ދާއިރާ ބަދަލުކުރަނިވި މަޝްރޫއުތައް ލީޑް ކުރައްވައި، ޑިޖިޓަލް އިގްތިސާދުގެ ބިންގާ އެޅުމުގައި އިސްމާއިލް މުހިންމު ދައުރެއް އަދާ ކުރެއްވިއެވެ.

އިސްމާއިލް އިސްކޮށް އުޅުއްވި ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި ރާއްޖޭގައި ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފް ކުރުމާއި 2006 ވަނަ އަހަރު ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުން ހިމެނެ އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ގާއިމްކޮށް، ދިރާގުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގައި ވެސް އިސްމާއިލް އިސް ރޯލެއް އަދާ ކުރެއްވިއެވެ.

މީގެ އިތުރުން 2011 ވަނަ އަހަރު ދިރާގުން ކުރިއަށް ގެންދިޔަ އައިޕީއޯގައި ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް އޮފަރިން މާކެޓްކޮށް، މެނޭޖް ކުރުމުގައި އިސް ދައުރެއް އިސްމާއިލް އަދާ ކުރެއްވި އެވެ. އަދި 2015 ވަނަ އަހަރު ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ އައްޔަން ކުރުމާއެކު، ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް އޭނާ ވަނީ ގެނެސް ދެއްވައިފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓް ފައިބާ-ޓު-ދަ-ހޯމް (އެފްޓީޓީއެޗް) ކަވަރެޖް ވަނީ ކާމިޔާބުކަމާއެކު ފޯރުކޮށްދީފަ އެވެ.

އިސްމާއިލް ރިޓަޔާކުރަން ނިންމެވުމާ ގުޅިގެން, ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް ވަނީ ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ގުޅިވަޑައިގެންފަ އެވެ. އެ މަގާމަކީ ދިރާގުގެ މައި ހިއްސާދާރު ކަމަށްވާ ބިޔޯންއިން އައްޔަންކުރާ މަގާމެކެވެ. އަދި އާ ސީއީއޯ އައްޔަން ކުރުމުގެ މަސައްކަތް ބިޔޮން އިން ކުރިއަށް ގެންދިޔައީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި ދިރާގުއާ ގުޅިވަޑައިގެންނެވި ވަލްޑެމާ ފެރަޑާޒް
ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި ދިރާގުއާ ގުޅިވަޑައިގެންނެވި ވަލްޑެމާ ފެރަޑާޒް

ވާލްޑޭ ދިރާގުއާ ގުޅިވަޑައިގަތީ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕްގެ ތަޖުރިބާއާއެކުގަ އެވެ. އެގޮތުން އޭނާ ކުރިން ވަނީ އެފްރިކާ އާއި ޔޫރަޕާއި އޭޝިއާ އަދި ކެރީބިއަން ގައުމުތަކުގެ ކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ދާއިރާގައި ހިދުމަތް ކުރައްވައިފަ އެވެ.

ވާލްޑޭ ވަނީ ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފް ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. އަދި އެމްވީއެންއެކްސް އާއި ޑިޖިސެލް އާއި ސެލް ސީ އާއި ޓެލްކޮމް މޯބައިލް އަދި ވޮޑަފޯން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ސީނިއާ ލީޑަޝިޕްގެ މަގާމުތައް އޭނާ ވަނީ ފުރުއްވައިފަ އެވެ.

ވަލްޑޭ ވަނީ ތަރައްގީވެފައިވާ މާކެޓުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޓެލެކޮމް ވިޔަފާރިތައް ބިނާކުރުމާއި ކުރިއެރުވުމާއި އަދި ޒަމާނީ ބަދަލުތައް ގެނައުމުގައި ނަމޫނާ ދައްކަވައި، އެ ދާއިރާގައި ޝަރަފުވެރި ކެރިއަރެއް ބިނާކުރައްވައިފަ އެވެ.

ވަލްޑޭ ދިރާގާ ގުޅިވަޑައިގަތުމަކީ މޯބައިލް އަދި ފިކްސްޑް ޓެލެކޮމިއުނިކޭޝަންސް އާއި ޑިޖިޓަލް ހިދުމަތްތަކާއި އެންޓަޕްރައިޒް އަދި ކޮންސިއުމާ މާކެޓްތަކުގެ އިތުރުން ވިޔަފާރިތައް އިތުރަށް ހަރުދަނާ ކުރުމުގެ ފުޅާ ތަޖުރިބާ އެ ކުންފުންޏަށް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ. އަދި އޭނާގެ ކެރިއަރުގައި އެކި ގައުމުތަކުގެ ސަރުކާރުތަކާއި ރެގިއުލޭޓަރުންނާއި އިންވެސްޓަރުން އަދި ސްޓްރެޓީޖިކް ބައިވެރިންނާއެކު ގާތުން މަސައްކަތް ކުރައްވާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ވާލްޑޭގެ ލީޑާޝިޕް ބިނާވަނީ އެންމެންގެ އަޑުއަހައި، މީހުން ބާރުވެރިކުރުވުމާއި ކުންފުނީގެ އެތެރޭގެ ސަގާފަތް ވަރުގަދަކޮށް ދެމެހެއްޓުމަށް ކަމަށް ދިރާގުން ބުންޏެވެ.  އަދި ދެމެހެއްޓެނިވި ކާމިޔާބީ އުފެދޭނީ އިތުބާރު ލިބިފައިވާ ގުޅުންތަކާއި ކަސްޓަމާ ފޯކަސް އަދި އަގުވަޒަން ކުރެވޭ ބާރު ލިބިފައިވާ މީހުން އުޅޭ މާހައުލަކުން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އިސްމާއިލް ރަސްމީކޮށް ރިޓަޔާވުމުގެ ކުރިން އިންތިގާލީ މަރުހަލާގައި އިސްމާއިލް އާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިންގުމަށް އެއްވެސް މެދުކެނޑުމެއް ނާންނަ ގޮތަށް އަދި އިތުބާރު ދެމެހެއްޓޭނެ ގޮތަށް ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، ކުންފުނިން އިސްކަންދޭ ކަންތައްތަކާއި ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.