މި އަހަރުގެ ފުރަތަމަ ހަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 868 މިލިއަން ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން ޑޮލަރު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓް އިތުރުވެފަ އެވެ. 

އޭގެ ތެރެއިން ޓެކްސްގެ ގޮތުގައި 667 މިލިއަން ޑޮލަރު ލިބުނުއިރު އެހެން ފީތަކުން 200 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ޓެކްސް އިން ލިބުނު ޑޮލަރުގެ 66 ޕަސެންޓަކީ ޓީޖީއެސްޓީ އެވެ. އެއީ 431 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 399 މިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ 8 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 73 މިލިއަން ޑޮލަރު ލިބުނުއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން 70 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ޑިޕާޗާ ޓެކްސް އިން 69 މިލިއަން ޑޮލަރު، ގްރީން ޓެކްސްގ ގޮތުގައި 79 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި ހުރިހާ ފީ އާއި ޓެކްސް އިން ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ޓެކްސް އާއި ފީތަކުން އާމްދަނީގެ ގޮތުގައި 19 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.