ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެ، 14.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ޓެކްސް އިދާރާ، މީރާގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ނުދައްކާ ފައިސާ އަށް ވަނީ 600 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެއީ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. އަހަރު ނިމުނު އިރު ދައުލަތަށް ލިބެންޖެހޭ އެކަމަކު ނުލިބި ހުރި އަދަދު ހުރީ 13.8 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތަށް އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ޓެކްސްތަކުންނެވެ. ޓެކްސްގެ ގޮތުގައި ނުލިބި ހުރި އަދަދު ވަނީ 7.8 ބިލިއަން ރުފިޔާ އިން 8.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 

އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު 2.4 ބިލިއަން ރުފިޔާއަށް އެރި އިރު ޖީޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.  އަދި ޓީޖީއެސްޓީގެ ގޮތުގައި ނުލިބޭ އަދަދު 1.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. 

މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވި އިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ފައިސާގެ ތެރެއިން ދެ ބިލިއަން ރުފިޔާ އަނބުރާ ހޯދާފައި ވެސް ވެ އެވެ.  އެ ފައިސާ އާންމު ގޮތެއްގައި ހޯދަނީ ނޯޓިސް ދީގެންނާއި ބޭންކް އެކައުންޓް ފްރީޒް ކޮށްގެންނެވެ. 

ދައުލަތަށް ޓެކްސްގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި ހުރި އަދަދު ވަނީ 2.4 ބިލިއަން ރުފިޔާ އިން 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އޭގެތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 3.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.