މިއަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓްގެ ގޮތުގައި ބިލިއަން ރުފިޔާ ދައްކާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން ލޯނުތަކުގެ ރީޕޭމެންޓަށް ވަނީ 636 މިލިއަން ރުފިޔާ ދައްކާފަ އެވެ. އަދި ފައިނޭންސިން ކޮސްޓް ނުވަތަ އިންޓްރެސްޓްގެ ގޮތުގައި 412 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރެވެ. މިއަހަރު ރާއްޖެއިން 18 ބިލިއަން ރުފިޔާ ދަރަންޏާއި ފައިނޭންސިން ކޮސްޓަށް ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭނީ އަންނަ މަހު ސުކޫކަށެވެ. ސުކޫކު ޕޭމެންޓަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކާނެ އެވެ.
ސުކޫކަށް ބޭނުންވާ ފައސާގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރުފައިސާއިންނެވެ.
އެ ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީ ވާ މިންވަރު ރީފައިނޭންސް ކުރުމަށް ވަނީ ނިންމާފަ އެވެ. އެކަން ކުރުމަށްޓަކައި ނަގާ އެއްވެސް ލޯނެއްގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ދަރަންޏާއި ބަޖެޓް ޑެފިސިޓަށް މިއަހަރު 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވެ އެވެ.
މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކު އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އަނބުރާ ދައްކަންޖެހޭއިރު އެކަމަށް މި ވަގުތު އެއްވެސް ދަތިކަމެއް ނެތެވެ. ރައީސް ވިދާޅުވީ ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.
ސުކޫކުގެ އިތުރުން ވެސް، ބޭރުން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެ މަޝްވަރާތަކަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާކަން ވެސް ރައީސް ވިދާޅުވި އެވެ.