ކުރީގެ ސަރުކާރާ ހިލާފަށް، އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް، ރީފައިނޭންސް ކުރަނީ ކުޑަ އިންޓަރެސްޓެއްގައި، އާމްދަނީއަށް ބަލައިގެން، އެ އަނބުރާ ދެއްކޭނެ ގޮތްތައް ރާވައިގެން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަގޮތާ ހިލާފަށް، ސުކޫކު ރީފައިނޭންސްކުރަން ނުވަ ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެކަމުގެ އިތުރު ތަފްސީލް ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ދެއްވަމުން، ޒަމީރު ވިދާޅުވީ 2017 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ނަގާފައިވާ 250 މިލިއަން ޑޮލަރު ދައްކަން، މިދިޔަ އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކާފައިވަނީ މާލީ ބާޒާރުގައި ހުރި އަދަދަށް ވުރެ ބޮޑު އިންޓަރެސްޓު ރޭޓެއްގައި ކަމަށެވެ.

"އެ ނެގި އިރު، އޭރުގެ ފައިނޭންސް މިނިސްޓަރު އެއީ އަނބުރާ ދައްކަންޖެހޭ އެއްޗެެއް ކަމަކަށް އެއްވެސް ވަރަކަށް ވިސްނަވާފައެއް ނެތް،" ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު އިސްވެ ކުރެއްވި މަސައްކަތުން، އެ ދަރަނި ދެއްކުމުގެ ގާބިލުކަން ސަވަރިން ޑިވެލޮޕްމަންޓް ފަންޑު އަދި ޔޫޒަބަލް ރިޒާވްގައި މިހާރު ވެސް އެބަހުއްޓެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވެސް އިޝާރާތް ކުރެއްވި ފަދައިން، އެސްޑީއެފްގައި 275 މިލިއަން ޑޮލަރު، ޔޫޒަބަލް ރިޒާވްގައި 600 މިލިއަން ޑޮލަރާ އެކު ގްރޮސް ރިޒާވްގައި އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރި ކަން ޒަމީރު ވެސް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މިއަދު އެ ދަރަނި [ސުކޫކު] އަނބުރާ ދައްކަން ޖެހުނަސް އެ ދެއްކޭނެ ގާބިލުކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފިސްކަލް ހާލަތު ރަނގަޅުކޮށް ދައްކަން ހުރި ދަރަނިތައް ދައްކަން މިހާރަށް ވުރެ ލުއިގޮތްތަކެއް ހޯދަން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރިޒާވަށް އިތުރު ކުރި އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ރޯލްއޯވާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ އަބޫދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 2018 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ވެސް އިތުރު ފަސް އަހަރަށް ފަސްކޮށްފަ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ލިކުއިޑިޓީ ހާލަތަށް ބަލައި، ސުކޫކު ރީފައިނޭންސް ކުރަން ދެން ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ނަގަންޖެހޭއިރު، ރައީސް މުއިއްޒު ވިދާޅުވި ގޮތަށް، ވަރަށް ކުޑަ އިންޓަރެސްޓެއްގައި އެ ފައިސާ ހޯދޭނެ ހާލަތަކަށް ރާއްޖޭގެ މާލިއްޔަތު މި ސަރުކާރަށް ވަނީ ގެންގޮސްފަ އެވެ.

"އަޅުގަނޑުމެން މި ދަރަނި ނަގާނީ، ކުރީގެ ސަރުކާރާ ހިލާފަށް ރެވެނިއު ސްޓްރީމަށް ބަލައިގެން، އެ އަނބުރާ ދެއްކޭނެ ގޮތްތަކެއް ރާވައިގެން،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، އިންޑިއާ އިން ހަމަޖައްސައިދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ސަރުކާރުގެ އެއްވެސް ކަމަށް އަދި ބޭނުންކޮށްފައެއް ނުވެ އެވެ. އަދި އިންޑިއާއިން ދީފައިވާ އިތުރު 400 މިލިއަން ޑޮލަރު ކަރަންސީ ސްވޮޕް ފެސިލިޓީއެއް ނުނަގައި ވެސް އެބަހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.