"އުކްލާ ސްޕީޑް ޓެސްޓް އެވޯޑް"ގައި ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑު އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.
ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޫކްލާ އިން މި އެވޯޑު ދެނީ ގިނަ ކަސްޓަމަރުންތަކެއްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ދިރާސަތަކެއް ހެދުމަށް ފަހު އެވެ. މި އެވޯޑު ދިނުމުގައި ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އަށް ބަލަ އެވެ.
މިއީ އުރީދޫން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒު ކޮށްދޭ އެވޯޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ ރާއްޖޭގައި ބެސްޓް ފިކްސްޑް ނެޓްވޯކްގެ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑް ލިބުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.
އަދި އެ ކުންފުނީގެ ނެޓްވޯކް ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި މުޖުތަމައުތައް ބާރުވެރިކުރުވުމާއި ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިތުބާރު ހިފޭ ކަނެކްޓިވިޓީ މިހާރަށް ވުރެ ފުރިހަމައަށް ވެސް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ.
އުރީދޫން ބުނީ ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިކުރަމުން އަންނައިރު، އިގްތިސާދީ ކުރިއެރުމަށާއި ތައުލީމީ ދާއިރާއަށާއި ޓޫރިޒަމާއި ފިންޓެކް އަދި އާންމު ދިރިއުޅުމަށް އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެއް ކަމަށެވެ. އެގޮތުން އުރީދޫން އަންނަނީ ޒަމާނީ ފައިބާ ނެޓްވޯކްތަކާއި ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި ކަސްޓަމާ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންކަން ފާހަގަކުރި އެވެ.
އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ހިދުމަތްތަކުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ތިއްބަސް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރުމާއި އުނގެނުމާއި ސްޓްރީމް ކުރުމާއި ގުޅުވާލުމުގެ ފުރުސަތު ފަހިވާނެ އެވެ.