އެއްގަމު އުޅަނދުތައް ދުއްވަނީ ގަވާއިދާ އެއްގޮތަށް ތޯ ބަަލަން މާލެ ސަރަހައްދުގައި ފުލުހުން ކުރިއަށް ގެންދާ "ފަހިރާސްތާ" ޕްރޮގްރާމްގައި އިއްޔެ ޗެކްކުރި ވެހިކަލްތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ހުރި ވެހިކަލްތަކުގެ ވެރިންނަށް ފުލުހުން ހަދިޔާ ދީފި އެވެ.
ފުލުހުންގެ ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޯދަމަހަށް ހާއްސަކޮށް ފުލުހުން ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމްގައި އިއްޔެ 62 ވެހިކަލެއް ޗެކް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގަވާއިދާ އެއްގޮަތަށް ހުރީ ކިތައް ވެހިކަލް ކަމެއް ނުބުނެ އެވެ.
އޭގެ ތެރެއިން ގަވައިދާ އެއްގޮތަށް ހުރި ވެހިކަލްތަކުގެ ވެރިންނަށް ދިނީ، ފުލުހުން ބުނިގޮތުގައި "ރައްކާ ޕާޓްނަރުން"ގެ ފަރާތުން ދޭ ހަދިޔާތަކެކެވެ.
ރޯދަމަހުގެ ބައެއް ވަގުތުތަކަކީ މާލެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑު ވަގުތުތަކަކަށް ވާތީ ފުލުހުން ކޮންމެ އަހަރަކު ވެސް ހާއްސަ ހަރަކާތްތަކެއް ހިންގަ އެވެ. މިއަހަރު ކުރިއަށް ގެންދާ އެއް ކަމަކީ މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެން ބޭނުން ނުކޮށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތެވެ.
ބޭނުން ނުކުރާ ވެހިކަލްތައް ނަގަން މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ފުލުހުން ފުރުސަތު ދިނެވެ. އަދި އުޅަނދުތައް ނަގަން ފެށީ އޭގެ ފަހުންނެވެ.