ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްކުރުމަށް ކުރި ހަރަދުތައް ހަމަޖައްސަން ސްރީލަންކާގެ ބޭންކުތައް މެދުވެރިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.

އެ ލޯނު ހަމަޖައްސައިދިނުމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ ލަންކާގެ އެންޑީބީ އިންވެސްޓްމަންޓް ބޭންކް ލިމިޓެޑް (އެންޑީބީއައިބީ) އިންނެވެ.

އެ ލޯނަށް ފައިސާ ހަމަޖައްސާފައިވަނީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކު އަދި ރާއްޖޭގައި ހުންނަ ހަބީބް ބޭންކް ލިމިޓެޑް މެދުވެރިކޮށް ކަމަށް އެންޑީބީއައިބީއިން ބުނެފައިވެ އެވެ.

އެ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އާ ޓާމިނަލް އޮޕަރޭޝަނަށް ގެންނަން އެމްއޭސީއެލްއިން ކުރި ކެޕިޓަލް ހަރަދުތައް ރީފައިނޭންސް ކުރުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ލޯނާ ބެހޭ މައުލޫމާތެއް އެމްއޭސީއެލްއިން ހާމަކޮށްފައެއް ނުވެ އެވެ. 

ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތްކުރީ ސައުދީގެ ބިންލާދިން ގްރޫޕުންނެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. ނުވަ އަހަރު ފަހުން އެ މަސައްކަތް ނިންމައި، އެ ތަން ހުޅުވިއިރު އެ ޕްރޮޖެކްޓަށް 457 މިލިއަން ޑޮލަރު (ހަތް މިލިއަން ރުފިޔާ) ހަރަދުވި އެވެ.

ވެލާނާ އެއާޕޯޓުގެ އިތުރުން، ޑޮމެެސްޓިކް އެއާޕޯޓުތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެމްއޭސީއެލްގެ ދަށަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ބަދަލުކޮށްފަ އެވެ. 

އެގޮތުން ރީޖަނަލް އެއާޕޯޓްސްއިން ހިންގަމުން އައި ނުވަ އެއާޕޯޓަކާ އެމްއޭސީއެލްއިން ވަނީ ހަވާލުވެފަ އެވެ. 

އެއާޕޯޓުތައް ހިންގުމުގެ އިތުރުން މި ސަރުކާރު އައިފަހުން އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ވެސް ދަނީ އެމްއޭސީއެލްއާ ހަވާލުކުރަމުންނެވެ. އެއާއެކު، ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން އެމްއޭސީއެލް އިން މިހާރު ވަނީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.