މިދިޔަ އަހަރު ބިދޭސީންގެ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ވޯކްޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ވަނީ 783 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ކޯޓާ ފީގެ ގޮތުގައި ލިބުނީ 445 މިލިއަން ރުފިޔާ އެވެ.

މިއީ އޭގެ ކުރީ އަހަރުގެ ކޯޓާ ފީ އާއި ވޯކްޕާމިޓް ފީގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 11 ޕަސެންޓު އިތުރު އަދަދެކެވެ. 

މީރާއިން ވޯކްޕާމިޓްގެ ގޮތުގައި 2024 ވަނަ އަހަރު ބަލައިގެންފައިވަނީ 671 މިލިއަން ރުފިޔާ އެވެ. އަދި ކޯޓާ ފީގެ ގޮތުގައި 432 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ.

މީރާ އިން ޓެކްސް ނޫން އެހެން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 6.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން 17 ޕަސެންޓް ހިއްސާވަނީ ވޯކް ޕާމިޓާއި ކޯޓާ ފީ އަށެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ވަންނަނީ ރިސޯޓު ކުލިންންނެވެ. މިދިޔަ އަހަރު ރިސޯޓު ކުލީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ވަދެފައިވެ އެވެ.

މީރާ އަށް މިދިޔަ އަހަރު ވަނީ 32.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 16 ޕަސެންޓް އިތުރު އަދަދެކެވެ.