ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާ އަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި، އެ ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓު ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެ އެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި، މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެއެވެ. އެ ދަތުރުގައި މެލޭޝިއާގެ ޖޮހޯ އަށް އެއާއޭޝިއާ އިން ކުޑަކުއްޖަކާއި ބޮޑު ދެ މީހުން ހިމެނޭ ގޮތަށް ތިން މީހެއްގެ ދެކޮޅު ޓިކެޓާއި ލެގޯލޭންޑަށް އެއް ދުވަހުގެ އެޑްމިޝަން ފާހަކާއި ޑަބަލް ރޫމެއްގައި ހަތަރު ރޭގައި ތިބުން ލިބޭނެ އެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަސް ނަސީބުވެރިއަކަށް 2،000ރ. ގެ ގިފްޓް ކާޑެއް ވެސް ދޭނެ އެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ވިޔަފާރިތަކުގެ ލިންކު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.