ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްއިން އިސްނަގައިގެން ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި "އައިވޮންޑާ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފި އެވެ.

އަމީނިއްޔާ ސްކޫލްގެ ސެން ކްލާސްތަކުގައި 170 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބެންކުންނެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ވަނީ ފޯރުކޮށްދީފަ އެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިން ވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި އެ ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ވަނީ ހަދިޔާކޮށްފަ އެވެ. 

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.