ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސިމް ކާޑު ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައި ވަނީ އެކަމާ ގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލްއާ އެކު އެއްބަސްވުމެއް ހަދާފައިވާ ބަޔަކަށް ކަމަށް ވާތީ، އެ ހިދުމަތްތައް ދިނުމުގެ ހުއްދަ ނެތް އެހެން ފަރާތްތަކުން އެއާޕޯޓުގައި އެކަން ކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއޭސީއެލް އިން މިއަދު ދީފި އެވެ.

އެމްއޭސީއެލްގެ ބެލުމުގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ބޭރުގައި ހުއްދަ ނެތް ބަޔަކު ޑޮލަރާއި ސިމް ކާޑު ވިއްކާ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ވެސް ސަމާލުކަމަށް އައިސްފައި ވެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއޭސީއެލްއާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭ ނަމަ އެކަން ކުރަން ޖެހޭނީ ހާއްސަ ކައުންޓަރަކުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށެވެ. އަދި އެ ހިދުމަތެއް ދޭ ބަޔަކު ތިބެން ޖެހޭނީ އެ ބަޔަކު ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމު ލައިގެން ނުވަތަ ފާހަގަވާނެ ފާހެއް ހިފައިގެން ކަަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

"އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީ އެ ފަރާތްތަކަށް ވެސް މަނާކަމެކެވެ،" ދެންނެވުމުގައި ވެ އެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތައް ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދަ ހާއްސަ އުސޫލުތަކެއްގެ ދަށުން ދޫކުރަނީ އެ ކުންފުނިން އެކަންޏެވެ. އެހެންވެ، އެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ބަޔަކު އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނޫނީ ހިދުމަތެއް ދިނުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއެއް ކަމުގައި ވާތީ ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ ކަމާގުޅޭ ސަލާމަތީ މުއައްސަސާތަކާ އެކު އެފަދަ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ،" އެމްއޭސީއެލުން ބުންޏެވެ.

ދެންނެވުމުގައި ބުނީ، އެ ފިޔަވަޅުތަކުގެ ސަބަބުން އެ ބަޔަކަަށް ލިބިދާނެ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށެވެ.