މާދަމާ ފަށާ އައިޓީބީ ޗައިނާ ފެއާގައި އެމްއެމްޕީއާރްސީގެ ޓީމާ އެކު 100 އަށް ވުރެ މީހުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.
އެމްއެމްޕީއާރްސީން ބުނީ، ޓޫރިޒަމް ދާއިރާގެ 100 އަށް ވުރެ ގިނަ ޕާޓްނަރުން ގުޅިގެން ރާއްޖޭގެ 45 ތަނެއް ޕްރޮމޯޓު ކުރުމުގެ މަސައްކަތް އެ ފެއާގައި ކުރާނެ ކަމަށެވެ.
އައިޓީބީ ޗައިނާގެ އޮފިޝަލް ޕާޓްނަރެއް ގޮތުގައި ރާއްޖެއިން މިއަހަރު ބައިވެރިވާ އިރު އެ ފެއާގައި ރާއްޖޭގެ ސަގާފަތާއި ކެއުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ އެވެ. އަދި މީޑިއާގައި ރާއްޖޭގެ ޓޫރިޒަމާ ބެހޭ އިޝްތިހާރުތަކާއި ޕްރެސް ރިލީޒް ވެސް ދީ، އާންމުކޮށް އެ އިވެންޓާއި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވީހާ ވެސް ބޮޑަށް އިޝްތިހާރު ކުރެވޭނެ އެވެ.
މި ފެއާ ކުރިއަށްދާނީ މި މަހުގެ 27-29 އަށެވެ. އެ ފެއާ ކުރިއަށް ދަނީ ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގަ އެވެ.
ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއާގައި ރާއްޖެއިން ބައިވެރިވާ އިރު އެ ގައުމަކީ މި ވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 95،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެ އަށް ޓޫރިސްޓުންގެ 11 ޕަސެންޓެވެ.
އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކޮށް ޓޫރިޒަމް ދާއިރާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ފެމިލިއަރައިޒޭޝަން ޓްރިޕްސް، މާކެޓިން ކެމްޕެއިންތައް އަދި މަގްބޫލު އެއާލައިންތަކާއި ގުޅިގެން މާކެޓިން ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.