ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ބާލިން ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 107 ކުންފުންޏެއްގެ 214 މަންދޫބުން ބައިވެރިވެއްޖެ އެވެ.
އެމްއެމްޕީއާރުސީން ބުނީ، އިއްޔެ ފެށި މި އަހަރުގެ ފެއާގައި ވެސް ދުނިޔޭގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ގުޅުން ބަދަހިކޮށް ރާއްޖޭގެ ވަކިވަކި ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަން ޕްރޮމޯޓު ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޓްރެވަލް އޭޖެންޓުންނާ ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ޓްރެވަލް ޕާޓްނަރުންނާ އެކު ބައްދަލުވުންތައް ވެސް ބާއްވާނެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި، ރާއްޖޭގެ އައިޓީބީ ސްޓޭންޑު ހަދާފައިވަނީ 500 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. ދެ ބުރިއަށް ހަދާފައިވާ އެ ސްޓޭންޑުގައި 104 ކޯ އެގްޒިބިޓާ ކައުންޓަރާއި 60 ބީޓުބީ މީޓިން މޭޒު ބަހައްޓާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ޖަރުމަނުވިލާތް ހިމެނޭތާ ތިން އަހަރު ވެއްޖެ އެވެ. މިވަގުތު އެ ގައުމު އޮތީ ފަސް ވަނައިގަ އެވެ. އެ ގައުމުން 27،000 ޓޫރިސްޓުން މިހާތަނަށް ރާއްޖެ އައިސްފައިވެ އެވެ.
ބާލިން ފެއާ އަކީ 1966 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ. މި އަހަރުގެ ފެއާގައި ވެސް 180 ގައުމަކުން 10،000 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ އެވެ.