ކުޑަކުދިންނަށް ހާއްސަ ކުޅޭ ސާމާނު ވިއްކާ ފިހާރަ "ޕީކަބޫ" އިން ރޯދަ މަހަށް ހާއްސަކޮށް ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީކަބޫ އިން ބުނީ މި މުބާރާތުގެ ބޭނުމަކީ ކީރިތި ގުރުއާން ތަޖުވީދުގެ މަގުން ކިޔަން ހިތްވަރުދީ، ކުޑަކުދިންގެ ހިތްތަކުގައި ގުރުއާނަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. އަދި ގުރުއާން ކިޔެވުމުގެ ފަންނު ކުދިންގެ މެދުގައި އާލާ ކުރުމެވެ. މި މުބާރާތް ޖަޖު ކުރަނީ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ތިން ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
މި އަހަރުގެ މުބާރާތުގައި 600 ކުދިންނަށް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ހުށަހަޅާ ތަރުތީބުންނެވެ. މުބާރާތުގެ ކޮންމެ ބައިވެރިއަކު ވެސް ހުށަހަޅަން ޖެހެނީ ހަމަ އެންމެ ކިޔެވުމެކެވެ.
މި މުބާރާތުގައި ތިން އުމުރު ފުރާއަކުން ކުދިންނަށް ބައިވެރިވެވޭނެ އެވެ. އެއީ ފަސް އަހަރުން ދަށާއި ހަ އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރު ފުރާ އާއި 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރު ފުރާ އެވެ.
ޕީކަބޫ އިން ބުނީ މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ވީޑިއޯ ހުންނަން ޖެހޭނީ ލޭންޑްސްކޭޕްކޮށް، ސާފު ރީތި ބެކްގްރައުންޑެއްގަ އެވެ. ވީޑިއޯ ހުންނަން ޖެހޭނީ އެމްޕީ4 ފޯމެޓުގަ އެވެ. މި ނޫން ގޮތަކަށް ފޮނުވާ ވީޑިއޯއެއް ބަލައެއް ނުގަންނާނެ އެވެ.
މުބާރާތުގެ ބައިވެރިން ފޮނުވާ ވީޑިއޯތައް ކޮންމެ ދުވަހަކު ޕީކަބޫގެ ފޭސްބުކް ޕޭޖަށް އަރުވާނެ އެވެ.
މުބާރާތުގެ ކޮންމެ އުމުރު ފުރައަކުން އެއް ވަނަ، ދެވަނަ އަދި ތން ވަނަ ހޮވާނެ އެވެ. އެއް ވަނައަށް ހޮވޭ ކުއްޖަކަށް 5،000ރ.ގެ ގިފްޓް ވައުޗާއެއް ލިބޭ އިރު ދެވަނަ އަށް ހޮވޭ ފަރާތަކަށް 3،000ރ. އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 2،000ރ.ގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ޕީކަބޫއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭ ކޫޕަނެއް ދޫކުރަން ވަނީ ނިންމައިފަ އެވެ.