ހުޅުމާލޭގައި ހުންނަ މަޝްހޫރު "ދިއްދޫ ހޮޓާ" 15 ދުވަސް ތެރޭގައި ހުސްކޮށް، އެ ތަން އެ ގޭގެ ވެރިފަރާތާ ހަވާލުކުރަން ހޮޓަލުގެ ވެރިމީހާއަށް ސިވިލް ކޯޓުން އަންގައިފި އެވެ.
ހުޅުމާޅެ ނިރޮޅުމަގުގައި ހުންނަ ގުޑްވިލްއޭ ކިޔުނު ގޯތީގެ ގްރައުންޑް ފްލޯގައި ހުންނަ ދިއްދޫ ކެފޭގެ ކުލީގެ އެއްބަސްވުމުގެ މުއްދަތު 31 ޑިސެމްބަރު 2023 އަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަނގަބަހުން ހެދި އެއްބަސްވުމެއްގެ ދަށުން، ކުލީގެ މުއްދަތު އިތުރު ތިން އަހަރަށް އިތުރުކޮށްފައިވާ ކަމަށް ހޮޓަލުގެ ވެރިފަރާތުން ބުނެފައިވެ އެވެ.
އެ މުއްދަތު ހަމަނުވަނީސް އެތަން ހުސްކުރަން ވެރިފަރާތުން އަންގާފައިވާތީ އެ އެންގުމަކީ އެއްބަސްވުމާ ހިލާފު އެންގުމެއް ކަމަށް ކަނޑައެޅުމަށާއި އެ މުއްދަތުގެ ކުރިން ތަން ހުސްކުރަން ޖެހޭނަމަ، ހޮޓާ ހިންގަން ކޮށްފައިވާ އިންވެސްޓްމެންޓަށް ބަދަލު ނަގައިދިނުމަށް އެދި ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ބިމުގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި ދިއްދޫ ހޮޓާ މިހާރު ހިނގަމުންދަނީ އޭނާގެ ހުއްދަ ނެތި އެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އެ ތަން ހުސްނުކުރާތީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ ތަން ހިނގަން ހުއްދަ ދީފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަހުން ދިން މުއްދަތު ހަމަވުމުން ވެސް އެ ތަން ހުސްކޮށްފައި ނުވުމުގެ އިތުރަށް ތަން ހުސްކުރަން އޭނާ ދިން ތިން މަހުގެ ނޯޓިހުގައި ވެސް އެކަން ނުކުރާއިރު، އޭގެ ފަހުން ތަނުގެ ކުލި ވެސް ނުލިބޭ ކަމަށް ބިމުގެ ވެރިފަރާތުން ބުނެފައިވެ އެވެ.
ހޮޓަލުގެ ވެރިފަރާތުން ޝަރީއަތުގައި ބުނެފައިވާ ގޮތުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އަނގަބަހުން ހުއްދަ ދީފައިވަނީ ގޯތީގެ ވެރިމީހާގެ ފިރިމީހާ އެވެ. ނަމަވެސް، އެ މައްސަލާގައި އިއްޔެ އިއްވި ހުކުމްގައި ބުނީ އެ މުއާމަލާތް ހިންގުމުގެ ބާރު ފިރިމީހާއަށް ދީފައިވާކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށެވެ.
ހުކުމްގައިވާ ގޮތުން އެތަނުގެ ކުލީގެ އެއްބަސްވުން އިތުރު ކުރުމުގެ ބާރު ވެރިފަރާތުގެ ފިރިމީހާއަށް ނެތުމުން އެތަނުގެ ކުލީގެ މުއްދަތު އިތުރުކުރަން އެއްބަސްވުމެއް އޮތްކަން ސާބިތެއްނުވެ އެވެ.
އެހެންވެ، އިމާރާތުގެ ވެރިމީހާގެ ނުރުހުމުގައި އެތަން ބޭނުން ކުރުމުގެ ހައްގު ހޮޓަލުގެ ވެރިފަރާތަށް ނެތް ކަމަށް ކަނޑައަޅައި، 15 ދުވަސް ތެރޭގައި އެ ތަން ބިމުގެ ވެރިފަރާތާ ހަވާލުކުރަން ހުކުމުގައިވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ހޮޓަލަށް ކުރި އިންވެސްޓްމެންޓާއި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ވެސް ކޯޓުން ކަނޑައަޅާފައިވެ އެވެ.