ވޮޝިންޓަން (ފެބްރުއަރީ 20) - އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ބާނީ ސެންޑާސް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

އުމުރުން 77 އަހަރުގެ ވާމަންޓުގެ ސެނެޓަރުގެ ކެމްޕޭން ލޯންޗްކުރިތާ ތިން ގަޑިއިރު ތެރޭ ވަނީ ކެމްޕޭން ފައިސާ އިން އެއް މިލިއަން ޑޮލަރު ހަމަކޮށްފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަހުގެ ހަމަލާ ދެއްވާ ސެންޑާސް ވަނީ ސަރުކާރުން ސިއްހީ ޚިދުމަތާއި ކޮލެޖް ތައުލީމް ހިލޭ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސެންޑާސް އަށް ޑިމޮކްރެޓިކް ޕްރައިމަރީ 2016 ވަނަ އަހަރު ގެއްލުނީ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނާ ވާދަކުރައްވަ އެވެ.

ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ކުރާ މަސައްކަތުގައި ސެންޑާސް އަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ސެންޑާސް ވެވަޑައިގަންނަވާނީ އެމެރިކާގެ ތާރީޚުގައި ރިޔާސީ ރޭހަށް ނުކުންނަވާ އެންމެ ގިނަ ދުވަސްވީ ކެންޑިޑޭޓަށެވެ. ކޮންގްރެސް އަށް ސެންޑާސް ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 1990 ވަނަ އަހަރު އެވެ.