ލިވަޕޫލް (ސެޕްޓެމްބަރު 18) - ސަޑިއޯ މާނޭ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ލަނޑުން ކްރިސްޓަލް ޕެލަސްގެ މައްޗަށް 3-0 އިން ލިވަޕޫލް މޮޅުވެއްޖެ އެވެ.

މި ކާމިޔާބީއާ އެކު ލިވަޕޫލް ވަނީ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 13 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުގައި ލިވަޕޫލްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސަލާހް އާއި ނަބީ ކެއިޓާ އެވެ.

މާނޭގެ ލަނޑާ އެކު އޭނާ ވެފައި ވަނީ ލިވަޕޫލްގެ ޖޯޒީގައި 100 ލަނޑު ހަމަކުރި 18 ވަނަ ކުޅުންތެރިޔާ އަށެވެ. އޭނާ 100 ލަނޑު ޖެހީ 224 މެޗުންނެވެ. ލިވަޕޫލުގެ ލަނޑު ލިސްޓުގައި މާނޭ މިހާރު ވަނީ، ކުރީގެ ފޯވާޑް ކެވިން ކީގަން އާ ހަމަހަމަ ކޮށްފަ އެވެ. އޭނާ އަށް އެންމެ އަވަހަށް މުގުރާލެވޭނީ ކޯން ބާންޒްގެ ރެކޯޑެވެ.

މިއަދު މާނޭ ޖެހި ލަނޑާ އެކު އޭނާ ވަނީ ރެކޯޑެއް ވެސް ހަދައިފަ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ޓީމެއްގެ ކޮޅަށް ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މިއަދުގެ މެޗަކީ ޕެލަސް ކޮޅަށް އޭނާ ލަނޑު ޖެހި، ވިދިވިދިގެން އައި ނުވަ ވަނަ މެޗެވެ. ކުރިން މި ރެކޯޑް އޮންނާނީ އާސެނަލްގެ ކުރީގެ ފޯވާޑް ރޮބިން ވެން ޕާސީގެ އަތުގައި އޭނާ ވަނީ ޖެހިޖެހިގެން އަށް މެޗުގައި ސްޓޯކް ސިޓީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

އާސެނަލް އަށް ލަނޑު ޖަހައިދިން އޮޑެގާޑް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭއެފްޕީ
އާސެނަލް އަށް ލަނޑު ޖަހައިދިން އޮޑެގާޑް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭއެފްޕީ

މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާންލީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅު ވެ އާސެނަލް ވަނީ ޕްރިމިއާ ލީގުގައި އެ ޓީމުގެ ދެ ވަނަ މޮޅު ހޯދައިފަ އެވެ. މިދިޔަ ހަފުތާގައި ނޯވިޗް ސިޓީ އަތުން މޮޅުވުމުގެ އިތުރަށް މިއަދު ބާންލީއާ ދެކޮޅަށް މޮޅުވުމަކީ އުނދަގޫ ހާލަތަކަށް ވެއްޓުނު އާސެނަލް އަލުން ފޯމަކަށް އެޅުނުކަން ހާމަކޮށްދޭ ސަބަބެކެވެ.

މިއަދުގެ މެޗުގައި އެ ޓީމުން ޖެހި ލަނޑަކީ މާޓިން އޮޑޭގާޑް ހިލޭ ޖެހުމަކުން ޖެހި ހިތްގައިމު ލަނޑެވެ. މެޗުން މޮޅުވެ އާސެނަލް މިހާރު ވަނީ 12 ވަނަ އަށް ޖެހިލައިފަ އެވެ. މިއީ ކޯޗް މިކަލް އާޓެޓާ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.