އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 3-2 އިން ހޯދުނީ ހައްގު މޮޅެއް ކަމަށާއި މި ފެންވަރުގައި ހިފަހައްޓާލަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ރޭގެ މޮޅާ އެކު އާސެނަލް ވަނީ 24 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.
މި ސީޒަނުގައި އާސެނަލުން ނެރެމުން އަންނަ ނަތީޖާތަކާ އެކު އެ ޓީމަށް ވަނީ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފޭވަރިޓެއްގެ ޓެގު ލިބިފަ އެވެ. މިދިޔަ އަހަރުތަކުގައި ލީގު ޑޮމިނޭޓްކުރި ލިވަޕޫލް އަތުން ހޯދި މޮޅާ އެކު އެކު އެކަން މިވަނީ އިތުރަށް ޔަގީންވެފަ އެވެ.
"ވަރަށް ފުރިހަމަ. އަހަރެމެން ކުޅުނު ގޮތާއި ސްޓޭޑިއަމަށް އަހަރެމެންގެ ސަޕޯޓަރުން ގެނެސްދިން މާހައުލު ވަރަށް ފުރިހަމަ. އަހަރެމެން މޮޅުވުން ހައްގު،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ލިބުނު ފުރުސަތުތައް ބޭނުންކުރުމުގައި ލިވަޕޫލް ވެސް ފެނުނީ އުފެއްދުންތެރިކޮށް ކަމަށާއި އެކަމަކު އެ ޓީމުން ޖެހި ކޮންމެ ގޯލަކާ އެކު އަލުން އަނބުރާ އައުމުގައި އޭނާގެ ޓީމުން ދެއްކީ ޝަހުސިއްޔަތުހުރި ކުޅުމެއް ކަމަށެވެ.
"މިގޮތުގައި ކުރިއަށްދާން އެބަޖެހޭ. ޓީމުގެ ތެރޭގައި އޮތް ގުޅުމާއި އެންމެން އެކުގައި މަސައްކަތްކުރި ގޮތާ މެދު އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި،" އާޓެޓާ ބުންޏެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި އެ ޓީމުން ވަނީ ގެބްރިއަލް މާޓިނެލީގެ ލަނޑުން ކުރި ހޯދައިފަ އެވެ. ލިވަޕޫލަށް 34 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޑާވިން ނޫނޭޒް އެވެ. އާސެނަލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ލުއިސް ޑިއާޒް އެވެ.
އާސެނަލުން އަލުން ލީޑު ނެގީ ކައުންޓާ އެޓޭކެއްގައި، ހާފުގެ ފަހު ވަގުތު ބުކާޔޯ ސަކާ އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި، ޑިއާޒަށް އަނިޔާވުމުން ބަދަލުގައި އެރި ރޮބާޓޯ ފިރްމީނިއޯ ލިވަޕޫލަށް އަލުން އެއްވަރުކޮށްދިނެވެ. އާސެނަލް މޮޅުވީ 76 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސަކާ ޖެހި ގޯލުންނެވެ.
މި ބައްޔަކީ ލިވަޕޫލަށް މި ސީޒަނުގައި ދިމާވެފައިވާ މައްސަލަތަކަށް އިތުރުވި ބޮޅެކެވެ. އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލްއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުން މެޗަށް ނުކުރީ ރަނގަޅު އެޓިޓިއުޑަކާ އެކު ކަމަށާއި ރަނގަޅު ފައިޓެއް ވެސް ދިން ކަމަށެވެ. އެކަމަކު ދެ ވަނަ ހާފުގައި އެކަންކަން ނުފެނުނު ކަމަށް އޭނާ ބުންޏެވެ.
ކްލޮޕް ވަނީ އާސެނަލް އަށް ޕެނަލްޓީއެއް ދިނީ އާދައިގެ ފައުލަކަށް ކަމަށް ބުނެ ރެފްރީއަށް ފާޑުކިޔައިފަ އެވެ.