ބާސެލޯނާ (ޖޫން 6) - ފުޓްބޯޅަ ކެރިއަރު ނިންމާލާނީ އެމެރިކާ ލީގުގައި ކުޅުމަށް ފަހު ކަމަށް ބާސެލޯނާގެ ތަރި އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އުމުރުން 29 އަހަރުގެ ގްރީޒްމަން ބާސެލޯނާ އަށް ސޮއިކުރީ 135 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ބާސެލޯނާގައި ގްރީޒްމަން އަށް އަދި އެންމެ ރަނގަޅަށް ފެންވަރު ސާބިތުކޮށްދެވޭ ގޮތެއްނުވެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަލުން ނޭމާ ގެންނަން ކުރާ މަސައްކަތުގައި ގްރީޒްމަން ޕީއެސްޖީ އަށް ހުށަހަޅަން އޮތީ ތައްޔާރަށެވެ.
ގްރީޒްމަން ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ވަގުތު ފޯކަސް ހުރީ މި ސީޒަނަށް ކަމަށެވެ.
"މިހާރު ބޭނުމީ އަލުން ފުޓްބޯޅަ ފަށައި ބާސެލޯނާއާ އެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރަން،" އެތުލެޓިކޯ މެޑްރިޑާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ގްރީޒްމަން ބުންޏެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ގައުމީ ޓީމުގައި ހިމެނޭ ގްރީޒްމަންގެ ނަޒަރުގައި 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ވެސް އެ ޓީމަށް ކާމިޔާބު ކުރެވިދާނެ އެވެ. ގްރީޒްމަން ބުނީ އެ ހިސާބުން ދެން ވިސްނަން ޖެހޭނީ ފުޓްބޯޅަ ކެރިއަރުގެ ފަހު މަރުހަލާ އަށް ކަމަށެވެ.
"ގަތަރު ވޯލްޑް ކަޕަށް ފަހު ދެން އަހަރެން ވިސްނުން ހުރީ އެމެރިކާ އަށް ދާން. އެ ތަނުގައި ކުޅޭނީ ކޮން ޓީމަކަށް ކަމެއް ނޭނގޭ. އަހަރެން ކެރިއަރު ނިންމާލަން ބޭނުންވަނީ އެމެރިކާ ލީގުގައި. އެ ތަނުގައި ވެސް ތަށްޓެއް ހޯދާ ޓީމަކަށް ކުޅެން ބޭނުމީ،" ގްރީޒްމަން ބުންޏެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ކެރިއަރުގެ ފަހު ކޮޅުގައި އެމެރިކާ ލީގުގައި ކުޅެފަ އެވެ. އޭގެ ތެރޭގައި ތިއަރީ އޮންރީ، ޑޭވިޑް ބެކަމް، ޑިޑިއޭ ޑްރޮގްބާ އަދި ސްޓީވެން ޖެރާޑް ހިމެނެ އެވެ.
ރެއާލް ސޮސިއެޑާޑް އިން 2009 ވަނަ އަހަރު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި ގްރީޒްމަން އެތުލެޓިކޯ އަށް ބަދަލުވީ 2014 ގަ އެވެ.