ޕެރިސް (ޑިސެމްބަރު 11) - ޗައިނާގެ ސަރުކާރުން އުއިގޫރް މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭ އިން އެހީތެރިވާތީ އެކަމާ ހިތްހަމަނުޖެހި އެ ކުންފުންޏާ އެކު ހަދާފައިވާ ސްޕޮންސަޝިޕް އެއްބަސްވުން ބާސެލޯނާގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ދޫކޮށްލައިފި އެވެ.
ދާދި ފަހުން އާންމުވި މީޑިއާ ރިޕޯޓެއްގައިވާ ގޮތުން ވާވޭ އިން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ އެއްގެ އެހީގައި ޗައިނާގެ ފުލުހުން އަންނަނީ މީހުން އެއްވެ އުޅޭ ތަންތަނުގައި އުއިގޫރް މުސްލިމުން ދެނެގަނެ އެ މީހުން ހިފަަހައްޓައި އަނިޔާކުރަމުންނެވެ.
އުމުރުން 29 އަހަރުގެ ގްރީޒްމަން އަކީ 2017 ވަނަ އަހަރުން ފެށިގެން ވާވޭގެ ބްރޭންޑް އެމްބަސަޑަރެކެވެ. ފްރާންސް އަދި ޔޫރަޕްގައި ވާވޭ ބްރޭންޑް ޕްރޮމޯޓްކުރަން ގިނަ އިޝްތިހާރުތަކާއި އިވެންޓުތަކުގައި ގްރީޒްމަން ވަނީ މިހާތަނަށް ބައިވެރިވެފަ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި އޭނާ އެއްވެސް އެ ކަހަލަ ކަމަކުން ވާވޭއާ އެކު ނުފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ގްރީޒްމަން އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީޑިއާގައި ދައުރުވަމުން އަންނަ ހަބަރުތަކަށް ބަލާއިރު ވާވޭ އިން ވަނީ އުއިގޫރް މުސްލިމުން ދެނެގަތުމުން ފޭޝިއަލް ރިކަގްނިޝަން ސޮފްޓްވެއާ އެއް ޗައިނާ ފުލުހުންނަށް ދީފައި ކަމަށެވެ. އެއީ އިންސާނިއްޔަތާ ހިލާފުކަމެއް ކުރުމުގެ ބޭނުމުގައި ކަމަށާއި އެހެންކަމަށް ވުމާ އެކު ވަގުތު ވާވޭއާ އެކު ހަދާފައިވާ ސްޕޮންސަޝިޕް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.
ޗައިނާ މީޑިއާ އަށް ވާވޭގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ގްރީޒްމަންގެ ފަރާތުން މި ފެނުނީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެކަމާ ހިތާމަކުރާކަމަށެވެ.
އުއިގޫރް މުސްލިމުންގެ ހައްގުގައި މީގެ ކުރިން ތެދުވި ފުޓްބޯޅަ ކުޅުންތެރިއަކީ އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ މުސްލިމެއް ކަމަށްވާ އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމާ ހެދި ޗައިނާގެ ބައެއް ސަރަހައްދުތަކުގައި އޮޒިލް ކުޅޭ މެޗުތައް އެޅުވުން ވަނީ މަނާކޮށްފަ އެވެ. އަދި އާސެނަލް ޓީމުން އޮޒިލް ބާކީކޮށްފައި ހުރުމުގެ ފަހަތުގައި އުއިގޫރް މައްސަަލައިގައި ފާޑުކިޔުން ހިމެނޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އޮޒިލް އެ ފަހަރު އުއިގޫރް މައްސަލައިގައި ތުރުކީ ބަހުން ކުރި ޓްވީޓެއްގައި ބުނީ ގުރުއާން އަންދައި މިސްކިތްތައް ބަންދުކޮށް މުސްލިމް ސްކޫލްތައް މަނާކޮށް ފަހަރަކު މީހެއްގެ މަގުން ދީނީ އިލްމުވެރިން މަރައި ފިރިހެނުންތައް މަޖުބޫރުން ކޭމްޕްތަކަށް ފޮނުވަމުންދާ ކަމަށެވެ. އޭނާ އެ ވާހަކަތައް ލިޔެ ޓްވީޓްކުރީ ހަނދުފަޅިއަކާއި ތަރިއެއް ޖަހާފައިވާ ނޫ ކުލައިގެ ދިދައެއް ސިފަވާ ގްރެފިކެއްގަ އެވެ. އެއީ ވަކިވެގަތުމަށް މަސައްކަތްކުރާ އުއިގޫރުން ޒިންޖިއާން އަށް ނިސްބަތްކުރާ "އީސްޓް ތުރުކިސްތާން" ގެ ދިދަ އެވެ.