ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ލިބުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކޮމެޓީގައި ދެއްކި ވާހަކަތައް ނޫސްވެރިން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ އާއްމު ކޮޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ. 

އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެެ އެޖެންޑާގައި ފުރަތަމަ އޮތީ މެންބަރުންނަށް ދޭ ހެލްތު އިންޝުއަރެންސާ ބެހޭގޮތުން މަޝްވަރާކުރަން އެލައިޑް އިންޝުއަރެންސްގެ އޮފިޝަލުންނާ ބައްދަލު ކުރުމެވެ.

އެެޖެންޑާގެ އެ ނަންބަރު ކުރިއަށް ގެންދާއިރު ބައްދަލުވުން ނޫސްވެރިންނަށް ސިއްރުކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާ އިއުލާނު ކުރެއްވުމަށް ފަހު ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ އަންގާރަ ދުވަހުގެ ބައްދަލުވުމުގައި މެންބަރުން ދެއްކެވި ވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައި ހުރީ މެންބަރުން އެ ވާހަކަ ދެއްކެވި ގޮތަކަށް ނޫން ކަމަށެެވެ. 

"އަޅުގަނޑުމެން ދެންނެވީ އަޅުގަނޑުމެންނަށް ލިބޭ އިންޝޫރެންސްގެ ތެރެއިން އަަޅުގަނޑުމެންގެ މެންބަރުންނަށް އިންޝޫރެންސް ކުންފުނިން އެ ހިދުމަތްދޭން އެއްބަސްވެފައިވާ ގޮތުގެ މަތިން، އިންޝޫރެންސްތަކުގައި ހުރި ދަތިތަކުގެ ވާހަކަ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެންބަރުން ދެއްކެވީ ހިދުމަތް ހޯދުމުގައި ލަސްވުން ފަދަ ދަތިތަކުގެ ވާހަކައާއި އެ ނޫން ބައެއް ދަތިތަކުގެ ވާހަކަ ކަމަށެވެ.

އެލައިޑް އިންޝުއަރެންސްގެ އޮފިޝަލުންނާ ބައްދަލު ކުރިއިރު ކޮމިޓީ ސިއްރުކުރި ނަމަވެސް މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގެ ދެވަނަ ނަންބަރުގައި އޮތް މައްސަލަ ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވާލައިގެންނެެވެ.