ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖް ދޫކޮށްލަން ތައްޔާރު ކަމަށާއި އެކަމަކު އެއީ އާސަދަންއަށް ވުރެ ދައުލަތަށް ހަރަދު ކުޑަ ޕެކޭޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،225 މީހެއްގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެނިޝަނަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ ދިވެެހި ރައްޔިތުންނަށް ނުލިބޭ އެއްވެސް އެއްޗެއް މަޖިލީހުގެ މެންބަރުންނަށް ލިބެން ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ޕެޓިޝަން ހުށަހެޅުއްވި ފަރާތަށް، މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސްގެ ނިޒާމު އޮންނަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ އެފަދަ ޕެޓިޝަންތައް ހުށަހަޅާ އިރު ކަން އޮތް ގޮތް ބަލައި ރައްޔިތުންގެ މެދުގައި މަސްލަހަތު ނުގެއްލޭ ގޮތަށް ހުށަހެޅުން މުހިއްމު ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ތާއީދުކުރަން، މިއަދު ވެސް ތާއީދުކުރަން ދިވެހި އެއްވެސް ރައްޔިތަކަށް ނުލިބޭ އެއްވެސް އެެއްޗެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެގެން ވަކި ލިބޭކަށް ނުޖެހޭ. އެހެން ނަމަވެސް މިފަދަ ކަންކަން ކުރާ އިރުގައި އެކަމެއް އޮންނަ ގޮތް ބަލާލާފައި އެ ގައުމެއްގެ ރައްޔިތުންގެ މެދުަގއި އަމާންކަމާ މަސްލަހަތު ނުގެއްލޭ ގޮތަށް މިފަދަ ޕެޓިޝަން ހުށަހެޅުމަކީ ކުރިއަށް އޮތް ތަނުގައި ވެސް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަންދަ ނިޒާމުން ބޭރުވެ، މަޖިލީހުގެ މެންބަރުންނަށް މިހާރު އޮންނަ ހެލްތު އިންޝުއަރެންސް ޕެކޭޖް ނެގުމުން ދައުލަށް ހަރަދު ކުޑަވާނެ ކަމަށާއި އެއީ އިންޝުއަރެންސް ކުންފުންޏަށް ދައުލަތުން ފައިސާދައްކަނީ މެންބަރަކަށް އަހަރަކަށް 24،000ރ. ގެ މަގުން ކަމަށެވެ.
މަޖިލިސް މެމްބަރުންނަށް އަހަރަކަށް 24،000 ރ. ދެއްކުމުން 1.3 މިލިއަނާ ހަމައަށް ބޭސްފަރުވާ ކުރެވެ އެވެ. އާސަންދަ ނިޒާމްގައި، ބޭސްފަރުވާއަށް ވަކި ލިމިޓެއް ކަނޑައަޅާފައެއް ނޯވެ އެވެ.
"މި ހުށަހެޅި ބޭފުޅުންނަށް އެނގެން ޖެހޭ އެއް ކަމަކީ އެ 24،000 ރުފިޔާގެ އިތުރަަކަށެެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދިވެހި ދައުލަތުން ލޯލާރިއެއް ވެސް ހަރަދުކުރާކަށް ނުޖެހޭ،" ފަލާހު ވިދާޅުވި އެވެ.
އިންޝުއަރެންސް ނިޒާމު ހިނގާ ގޮތް، ޕެޓިޝަން ހުށަހެޅުއްވި ބޭފުޅާއަށް އެނގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތަކެއް ލިބޭކަށް އޭނާ ވެސް އެދިވަޑައިނުގަންނަވާ ކަމަށާއި އެއީ މަޖިލީހުގެ އެއްވެސް މެންބަރަކު އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ. އެެކަމަކު މެންބަރުންނަށް އެ އިނާޔަތް ލިބޭތީ ރައްޔިތުންގެ ތެރެއިން ބަޔަކު ކަންބޮޑުވުން ފާޅުކުރަނީ ކީއްވެގެންތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިއަދު މި ވެގެން އުޅޭ ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ، ހާއްސަކޮށް 20 ވަަނަ މަޖިލީހުގެ މި ދައުރާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އޮތުން، ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މުހިއްމު މައްސަލަތަަކަށް މި މަޖިލީހުން ހައްލު ނުގެނެސްދެވުން، ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް މަޖިލީހުގައި ކަންކަން ކުރެވެމުން ދިއުން. ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުން ވަކިކުރުމުގެ ބާރު މި މަޖިލީހުން ވަކި މީހަކަށް ދިނުން،" މައުރޫފު ވިދާޅުވި އެވެ.
ޕެޓިޝަނުގެ ބަހުސްގައި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މެންބަރުންނަށް އޮތް ހެލްތު އިންޝުއަރެންސް ޕެކޭޖްގެ އިތުރުން މުސާރަ އާއި އިނާޔަތްތައް ދޫކޮށްލައްވާފައި ހިލޭ މަސައްކަތްކުރައްވަން ވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. އެކަމަކު ޕެޓިޝަން ހުށަހަޅާފައި ވާތީ އިންޝުއަރެންސްގެ ކަންތައް އޮންނަ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ހަަމަ އެއްގޮތަކަަށް ވެސް އިންޝުއަރެންސް ބޭނުންވެގެންނެއް ނޫން މިއުޅެނީ. އިންޝުއަރެންސް ހަމަ ކަނޑާލަންވީ، އަޅުގަނޑު އޯކޭ، މައްސަލައެއް ނެތް،" ޕެޓިޝަން ހުށަހެޅުއްވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވުމަށް ފަހު ސަލީމް ވިދާޅުވި އެވެ.
ޕެޓިޝަން ހުށަހެޅި ބޭފުޅާއަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ މަޖިލީހަށް އިންތިހާބު ނުވާ މީހުން ވަރަށް އެވާހަކަ ދައްކާނެ ކަމަށާއި އެކަމަކު މަޖިލީހަށް ހޮވިއްޖެ ނަމަ އުޅޭނީ މެންބަރުންނަށް ލިބޭ އެއްޗެއް ކުޑަވެގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ފޮޓޯ އެކޮޅުކޮޅުން ޖެހި މީހުން މަޖިލީހަށް އައިސްފައި ކީކޭ ބުނީ؟ މުސާރަ ކުޑައޭ، އިނާޔަތްތައް ކުޑައޭ ދެން ހުރި އެއްޗެއް ކުޑައޭ ބޮޑުކުރަންވީއޭ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ޕެކޭޖަށް ދައުލަތުން އަހަރަކު ދައްކަނީ 24،000ރ. ކަމަށާއި އެއީ މަހަަކަށް 2،000ރ. ކަމަށެވެ. އެއީ އާސަންދައިން މީހަކަށް މަހަކު ހަރަދުވާ ވަރަށް ވުރެ މަދު އަދަދެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.