ދިވެހި ބަހުގެ އަދީބު އަބްދުﷲ ސޯދިގު (ސޯދުބޭ) ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯއްދަވަމުން އެބަގެންދަވަ އެވެ. އެކަމަކު ސޯދުބޭގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ.
ދިވެހި ބަހުގެ އުސްތާޒު ސޯދުބޭ އެ ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު، އަނބިކަނބަލުން ފާތިމަތު މުނީރާ ވެސް ކޮވިޑަށް މިއަދު ޕޮޒިޓިވްް ވެގެން އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އާއިލާ އިން ބުނި ގޮތުގައި ސޯދުބޭ އަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
އާއިލާ އިން ވާހަކަ ދެއްކެވި ސޯދުބޭގެ ބޭފުޅަކު ވިދާޅުވީ ޑޮކްޓަރުން ވިދާޅުވި ޓެސްޓްތައް ހަދާފައިވާ ކަމަށާއި ސޯދުބޭގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި މަންމަ އާއި ބައްޕަ ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު ގޭގެ އެހެން ބޭފުޅުންގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމުރުން 87 އަހަރުފުޅުގެ ސޯދުބޭ އާލާސްކަންފުޅާ އުޅުއްވާ ކަމުގެ ވާހަކަތަކާ އެކު، އޭނާ އަށް އަވަސް ޝިފާ އަކަށް އެދި ވަރަށް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި ހެޔޮދުއާ ކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ސަރުކާރުން ދިން ސޯދުބޭ އަކީ، މި ޖީލު ދުށް، ދިވެހި ބަހުގެ އެންމެ ވަރުގަދަ ޝަޚުސިއްޔަތެވެ. އޭނާ ވަނީ ސަރުކާރަށް 55 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
ސޯދުބޭ އަކީ ދިވެހި ބަސް ކިޔަވައިދެއްވި މޮޅު ޓީޗަރެއްގެ އިތުރުން ނޫސްވެރިއެއް ވެސް މެ އެވެ. އަދި ޅެންވެރިއެއްގެ އިތުރުން ވާހަކަ ލިޔުންތެރިއެއް ވެސް މެ އެވެ. އޭނާ މިހާރު ވެސް ހުންނެވީ ދިވެހި ބަހުގެ އެކަޑަމީގެ ހާއްސަ މުޝީރުގެ މަގާމުގަ އެވެ.